ރާއްޖޭގައި މިހާރު އޮތީ ވަރަށް ތައުލީމީ ހޭލުންތެރި ޒުވާން ޖީލެއް ކަމަށާއި، އަދި މި ޖީލުގެ ޒުވާނުންގެ އުންމީދަކީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް އެހައްގުތައް ފުރިހަމައަށް ލިބުންކަމަށް ވުމުން، އެ އުންމީދު ފުރިހަމަ ކޮށްދިނުމަށްޓަކައި، ސަރުކާރުން ފުރިހަމައަށް ޒިންމާ އަދާކުރަމުން ދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީކަން ދެއްވާފައިވަނީ ރޭ ބައިނަލްއަގްވާމީ އިންސާނީ ހއްގުތަކުގެ ދުވަހާއި، އެޗްއާރްސީއެމްއަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައްޔިތުންގެ ބަސް އިއްވެވުމަަށް ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނޫފޫޒެއް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެއްވޭނެ ކަމަށާއި، އަދި އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

އަދި މި ސަރުކާރުން ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަން ދޭނެ ކަމަށާއި އެކަމުން ސަރުކާރަށް ލިބެނީ ފައިދާ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، އިންސާނާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދާ ކަމަށާއި، އަދި އިތުރު މަޝްރޫއުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން އަސާސީ ހިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ކުރީގެ ސަރުކާރުތަކަށް ގަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، މި ސަރުކާރުން އަންނަނީ އެ ހިދުމަތްތައް ގާއިމުކުރަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މީގެ ކުރިން ހަމައެކަނި ލިޔުމުގައި ބަޔާންކޮށްފައިވާ ހައްގުތައް މިހާރު ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ހައްގުތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމުގައި އެންމެ ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދެންޖެހޭ ހައްގުތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް ގޯނާކުރުމަކީ މި ސަރުކާރުން ތަހައްމަލުކުރާނެ ކަމެއް ނޫން ކަމަށާއި، ދައުލަތުގެ ހުރިހާ ހަކަތައެއް ބޭނުން ކޮށްގެން ވެސް، އެ ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން، ރައީސް ވަނީ އިންސާނާގެ ޒާތާ ގުޅިފައިވާ އަދި އިންސާނާގެ ވަށައިގެންވާ މާހައުލުގެ އެންމެހާ ކަންކަމުގެ ތެރެއިން، ވެށި ހިމާޔަތްކުރުމަށް ސަމާލުކަން ދިނުމަށް ބާރުއަޅުއްވާފައެވެ.

މި ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅު ނިންމަވާލައްވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވާ ރައްކާތެރިކޮށް ދެމެހެއްޓުމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރައްވާއިރުވެސް، އިންސާނީ ހައްގުތަކާ ގުޅިފައިވާ ހުރިހާ ދާއިރާތަކަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދީގެން އެ މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވާފައެވެ.