ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގާ ދައުވާކުރި ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ އަނެއްކާވެސް ބޭރަށް ފުރަން އެދިއްޖެއެވެ.

ފަނޑިޔާރެއް ނެތިގެން މަޑު ޖެހިފައި އޮތް އެ މައްސަލައާ މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމްއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ޖުނައިހު ވަނީ ލޮލުގެ ފެނުމުގެ ހާލަތު ގޯސްވެގެން މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗް ހޮސްޕިޓަލަށް ދެއްކުމުން، އިންޑިއާއަށް ދިއުމަށް އިރުޝާދު ދީފައިވާ ކަމަށް ބުނެފައެވެ. މީގެ ކުރިންވެސް ޖުނައިހު ވަނީ ބަންދުގައި ހުރެވެސް ލޮލުގެ އޮޕަރޭޝަނެއް ކުރަން އިންޑިއާއަށް ގޮސްފައެވެ.

ގާޒީ ނަދީމް ވަނީ ކަރެކްޝަން އިން އެ ހުއްދަ ދީފި ނަމަ، އެކަމުގައި ދައުލަތުން އިއުތިރާޒެއް ނެތް ނަމަ، ކޯޓުން އެ ހުއްދަ ދޭނެކަމަށް ވިދާޅުވެފައެވެ. އަދި ކަރެކްޝަންއިން އެ ހުއްދަ ނުދީފިނަމަ ޖުނައިހުގެ ބަލިހާލަތު ދަލާލުކޮށްދޭ ލިޔެކިޔުންތައް ބެލުމަށް ފަހު ހުއްދަދޭން ފެނިވަޑައިގަންނަވާނަމަ ދެއްވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.

ގާޒީ ނަދީމް ވަނީ ދައުލަތުގެ އަތުގައި އެ ލިޔެކިޔުންތައް ހުރިތޯ ސުވާލު ކުރެއްވުމުން ވަކީލް ވަނީ ބުރާސްފަތި ދުވަހު ޑޮކްޓަރަށް ދެއްކި ލިޔެކިޔުން ނެތް ކަމަށް ބުނެފައެވެ. އަދި ގާޒީ ނަދީމް ވަނީ އެ އެއްޗެހި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ޝަރީއަތާ ހިއްސާކުރުމަށް އެދިފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ. އެގޮތުން ދިފާއީ ހެކިވެރިންގެ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ކޯޓާ ހިއްސާ ކުރުމަށް ދިފާއީ ވަކީލުންގެ އަރިހުން ގާޒީ އެދިވަޑައިގެންފައި ވާއިރި މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ ވަކީލުންނާއި ދައުވާ ލިބޭ މީހުންގެ ޝަކުވާތައް އެއްސެވުމަށް ފަހު މައްސަލަ ހަލުވިކޮށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް އަޑުއެހުމެއް ބާއްވާނެ ދުވަހެއް ތާވަލު ކޮށްފައި ވެއެވެ. އެގޮތުން ތާވަލު ކޮށްފައި ވަނީ އެ އަޑުއެހުން އަންނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހު ބޭއްވުމަށެވެ. އެދުވަހު ހެނދުނު 9 ޖަހާއިރު ޝަރީއަތުގެ އަޑުއެހުން ފަށައި ހުރިހާ ދިފާއީ ހެކިންގެ ހެކިބަސް ނަގައި ނިންމައިލާނެ ކަމަށް ގާޒީ ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހަކަށާއި ކުޑަކުއްޖަކަށެވެ. ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މިމައްސަލާގައި އޭރު 17 އަހަރުގެ ކުޑަކުއްޖާއަށް މިހާރު 20 އަހަރު ފުރިފައިވާއިރު ދައުލަތުން ހުށަހަޅާފައި ވާ ހެކިންގެ ހެކިބަހުންނާއި ހުށަހަޅާފައިވާ ގަރީނާތަކުން، ހާދިސާ ހިނގި ވަގުތު އެކުއްޖާ އެ ތަނުގައި ހުރިކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ މި އަހަރު ތެރޭގައި ހުކުމް ކޮށްފައެވެ.