މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތައް ނުބެލެހެއްޓި އޮޕަރޭޓް ނުކުރެވޭ ނަމަ، ސިޓީ ކައުންސިލާ އެ ޕަމްޕުތައް ހަވާލުކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެމްޑަބްލިއުއެސްސީ އަށް ގޮވާލައްވައިފިއެވެ.

އިއްޔެ ކުރި ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އެއްގަމު އުޅަނދު ފަހަރު ދުއްވާ މީހުންނަށް އެކި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އިއްޔެ މެންދުރު ފަހުން ފެށިގެން ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެން ބޮޑުވިއެވެ.

އެއާއެކު އިއްޔެ ސިފައިން ވަނީ މާލޭގެ މަގުތަކަށް ނުކުމެ، މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތްވެސް ކޮށްފައެވެ.

އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއުއިން މާލޭގެ މަގުތަކުން ފެން ހިއްކަނީ / ފޮޓޯ: އެމްއެންޑީއެފް

މުއިއްޒު ވިދާޅުވީ، ފެން ހިންދަން ބޭނުންކުރާ ޕަމްޕުތައް އެމްޑަބްލިއުއެސްސީން ބޭނުންކުރަމުން ދަނީ އެންމެ އެދެވޭ ގޮތުގައި ނޫން ކަމަށާއި، އެހެންވެ އެ ޕަމްޕުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ނުކުރެވޭ ކަމަށެވެ. އެހެންކަމުން، މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކޮށްފައިވާ ޕަމްޕުތައް ސިޓީ ކައުންސިލާ ހަވާލުކުރަން މުއިއްޒު ވަނީ އެމްޑަބްލިއުއެސްސީއަށް ގޮވާލައްވައި މިއަދު ޓްވީޓެއް ކުރައްވާފައެވެ.

މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "ދަ ޕްރެސް" އަށް ވިދާޅުވީ، މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތައް ބަރާބަރަށް މަސައްކަތް ކުރާ ކަމަށާއި، ޕަމްޕުތައް ހުރީ ޖައްސާފައި ކަމަށެވެ.

"ޕަމްޕުތައް ހުރީ ޖެހިފައި. އެއްވެސް މައްސަލައެއް ނެތް."
ޝާހު

ނަމަވެސް، ޕަމްޕުތައް އެންމެ އެދެވޭ ގޮތުގައި މަސައްކަތް ނުކުރަނީ ޕަމްޕުތަކުގެ ސައިޒް ކުޑަވުމުގެ ސަބަބުން ކަމަށް ޝާހު ވިދާޅުވިއެވެ. އަދި ހައުސިން މިނިސްޓްރީގައިވެސް އެވާހަކަ ދަންނަވާފައި ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އޭރު ވަނީ ފެން ހިންދާ ނިޒާމެއް ގާއިމު ކޮށްފައެވެ. އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު މުއިއްޒު ވިދާޅުވީ، އެ ޕަޕްމުތައް ގާއިމު ކުރެވިފައިވާ ގޮތުން، ވާރޭ ހުއްޓާލާތާ ތިން ގަޑިއިރުތެރޭ، މަގުތަކުގައި ހެދޭ ފެންގަނޑު ހިނދޭނެ ކަމަށެވެ.

މިއަދުވެސް ނ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ އިދާރާއިން ވަނީ ހުދު ސަމާލެއް ނެރެފައެވެ. އެއާއެކު، އެ އިދާރާއިން ވަނީ މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.