ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގާ ދައުވާކުރި 7 މީހުންގެ ޝަރީއަތުގެ އަޑުއެހުން މާދަމައަށް ތާވަލު ކޮށްފިއެވެ.

އެ ޝަރީއަތުގެ އަޑުއެހުން މާދަމާ ތާވަލު ކޮށްފާވަނީ ހެނދުނު 11 ޖަހާއިރު ކްރިމިނަލް ކޯޓުގައެވެ.

ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މިމައްސަލާގައި އޭރު 17 އަހަރުގެ ކުޑަކުއްޖަކަށް ވެސް ދައުވާ ކުރިއެވެ. ނަމަވެސް މިހާރު އޭނާ އަށް ވަނީ 20 އަހަރު ފުރިފައެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ހުށަހަޅާފައިވާ ގަރީނާތަކުން، ހާދިސާ ހިނގި ވަގުތު އެކުއްޖާ އެ ތަނުގައި ހުރިކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ މި އަހަރު ތެރޭގައި ހުކުމް ކޮށްފައެވެ.