ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހުގެ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ކުށަށް އިއުތިރާފުވި ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދުގެ ޝަރީއަތް މާދަމާ 1 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އަދުހަމް ކުށަށް އިއުތިރާފު ވެފައި ވާއިރު އޭނާގެ ވާހަކަތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަން ހުރެދާނެ ކަމަށް ނިންމާ އަދުހަމްގެ މުޅި ޝަރީއަތް ސިއްރުކުރަން ވަނީ ނިންމާފައެވެ.

އަދުހަމްގެ މުޅި ޝަރީއަތް ސިއްރުކުރަން ނިންމާފައި ވާއިރު ޕީޖީ އޮފީހުން ބުނީ އަދުހަމްގެ އަޑުއެހުންތައް ސިއްރު ކުރަން ޝަރީއަތުން ނިންމީ އަދުހަމްގެ ފަރާތުން އެކަމަށް އެދުމުން ކަމަށެވެ.

އަދުހަމްގެ މައްޗަށް 4 ދައުވާއެއް ކުރެއެވެ. އެ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

މި ދައުވާތައް އޭނާއަށް ސާބިތުވެއްޖެ ނަމަ 37 އަހަރުގެ ހުކުމެއް އަންނާނެއެވެ. އެކަމަކު ޖިނާއީ އިޖުރާއާތުގެ ގާނޫނުން ދޭ އިހްތިޔާރުގެ ދަށުން، ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާއާ އެކު ދައުލަތުން ވަނީ 23 އަހަރުގެ ހުކުމަކަށް އެއްބަސް ވެފައެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމެވެ. އެކަމުގެ ސަބަބުން ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވުމުގެ އިތުރުން އެވަގުތު އެ ތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ވެސް ނުރައްކާވިއެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަދުހަމް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އަށް ތާއީދުކުރާ ކަމަށް ތަހުގީގުގައި އެއްބަސް ވެސް ވެފައެވެ.

އަދުހަމްގެ އިތުރުން ހަ މީހަކަށް ވަނީ ނަޝީދަށް ހަމަލާ ދިން މައްސަލާގައި ދައުވާ ކޮށްފައެވެ. އެއީ މުޖާޒު އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، އިސްހާގު، ފަހުމީ އަލީ އަދި މުހައްމަދު ނާޒިމެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރު ކުރިއެވެ.