އެމްޑަބްލިޔުއެސްސީއިން އއ. ފެރިދޫ އާއި ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހްކޮށްފިއެވެ.

އެ ދެ މަޝްރޫއުގެ މަސައްކަތް އިފްތިތާހް ކުރުމަށް ދެ ރަށުގައި ވަކި ވަކިން ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެ ދެ ރަށަަށް ފޮނުވައިފައިވާއިރު އެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެރިދޫ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 35 ޕަސެންޓް ނިމިފައިވާއިރު ހިމަންދޫގެ އެ އިމާރާތުގެ 45 ޕަސެންޓް ވަނީ ނިމިފައެވެ.

ފެރިދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 6.77 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުން ހިމެނެއެވެ. އަދި ހިމަންދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 6.35 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުން ހިމެނެއެވެ. މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެ ދެ ރަށުގައި އާއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ.

އެ މަޝްރޫއުގެ ދަށުން އެ ދެ ރަށުގެ ގޭގޭގައި ފެންމީޓަރު ބަހައްޓާ ފެނުގެ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.

ފެރިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އިފްތިތާހުކުރުމުގެ ތެރެއިން/ ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެ ދެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތަށް ބަލާއިރު ފެރިދޫގެ އެ މަޝްރޫއުގެ މަސައްކަތުގެ ދަށުން 5.05 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓްފޯލް ގާއިމްކުރުން ހިމެނެއެވެ. އަދި ހިމަންދޫގެ އެ މަޝްރޫއުގެ ދަށުން 5.31 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި 956 މީޓަގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓްފޯލް ގާއިމްކުރުން ހިމެނެއެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ އެ މަޝްރޫއުގެ ދަށުން ގޭގޭގައި ޖަންކްޝަން ބަހައްޓާ ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އެ ދެ ރަށުގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ފެރިދޫގައި ކުރިއަށްގެންދާ މަޝްރޫއުގެ އަގަކީ 69.33 މިލިއަން ދިވެހި ރުފިޔާއެވެ. ހިމަންދޫގައި ކުރިއަށްގެންދާ މަޝްރޫއުގެ އަގަކީ 65.83 މިލިއަން ދިވެހި ރުފިޔާއެވެ.