ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު "ބޮޑު އަމުރާ" ގުޅިގެން އިންޑިއާއިން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
"ކޮތަރު ކޮށި" ގެ ނަމުގައި މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފެބްރުއަރީ 1، 2018 އަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު "ހަނދުކޭތަ" ހިފި ދުވަސް ކަމަށެވެ. އަދި އެ ދުވަހު ކަންތައް ހިނގައި ދިޔަ ގޮތް ގޮތް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން އިންޑިއާ ފިޔަވައި އިތުރު އެހެން އެއްވެސް ގައުމަކަށް އުނދަގޫ ނުވި ކަމަށެވެ. އެއީ ދާހިލީ ކަމެއް ކަމަށާއި އެހެންވެ އޭގެ ތެރެއަށް އެހެން އެއްވެސް ގައުމަކުން ނުވަން ނަމަވެސް އެ އަމުރު ތަންފީޒު ނުކޮށްގެން އިންޑިއާއިން ތިން ސިޓީއެއް އޭރު ފޮނުވި ކަމަށް ޔާމީން ވިދާޅުވިއެވެ.
އެ ތިން ސިޓީއަކީ އިންޑިއާގެ ނިއުދިއްލީން ފޮނުވި ސިޓީތައް ކަމަށް ރައީސް ޔާމީން ވިދާލުވިއެވެ. ތިން ސިޓީ ފޮނުވުމުން ފުރަތަމަ ސިޓީއަށް ވަރަށް ޑިޕްލޮމެޓިކް ކޮށް ތަފްސީލް ހާމަކޮށް ޖަވާބު ދެއްވާފައިވާ ކަމަށް ޔާމިން ވިދާޅިވިއެވެ. ނަމަވެސް ދެވަނަަ ސިޓީއަށް ޖަވާބު ދެއްވަން ވަރަށް ދަތިފުޅުވި ކަމަށާއި ތިން ވަނަ ސިޓީއަށް ޖަވާބު ނުދެއްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއިން އިންޑިއާއަށް ނުފޫޒު ފޯރުވަން ޖެހޭ ސަބަބާ މެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އެކަން ހިނގައި ދިޔަ ގޮތް ކިޔައިދިނުމަށް ސަރަހައްދުގެ އެކި ގައުމުތަކަށް އޭރުގެ ސަރުކާރުގެ ބޭފުޅުން ވަޑައިގެން އެކަން އޮޅުންފިލުއްވައި ދެއްވި ކަމަށެވެ. އެކަމަކު އިންޑިއާ އަށް އޭރުގެ ފޮރިން މިނިސްޓަރު ފޮނުއްވި ނަމަވެސް އެ ގައުމުން އޭނާއާ ބައްދަލު ކުރައްވާނެ ބޭފުޅަކު ނެތިގެން އަނބުރާ ވަޑައިގަންނަވަން ޖެހިވަޑައިގަތް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ އިން އެހާ ބޮޑަށް ރާއްޖޭގެ ދާހިލީ ކަންކަމަށް އަތްބޭނުމަށް މަސައްކަތް ކުރަނީ ކީއްވެކަން ލީޑަރުން ކިޔައިދެއްވަން ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
އެދުވަހު ސުޕްރީމް ކޯޓުގެ "ޓިނު ނަގަން" ޖެހިވަޑައިގެންނެވި ސަބަބު ހާމަ ކުރައްވަމުން ޔާމީން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން އޭރު ނެތް ކަމަށެވެ. އެގޮތުން އޭރު ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ކަމަށް ޔާމީން ވިދާޅުވިއެވެ.
އެ ދެބޭފުޅުން ހުޅުމާލޭގައި ބައްލަވައިގެންފައި ހުރި އެޕާޓްމަންޓްތަކަކާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ވެސް އެ ބޭފުޅުން ބައްލަވައިގެންފައި ހުރި، އެ ބޭފުޅުންގެ ތަނަވަސް ކަމާ ނުބައްދަލު އެޕާޓްމަންޓްތަކެއްގެ މައްސަލަ ފެންމަތިވެގެން ދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ ދެ ފަނޑިޔާރުން އޭރު ތިއްބެވީ ކޮރަޕްޝަންގެ ވިޔާނުދާ އަމަލުތަކެއް ކުރައްވައިގެން ކަމަށާއި އޭރު މަނީ ލޯންޑަރިންގެ ގަވާއިދު އޮތްނަމަ ވަރަށް ފުރިހަމައަށް އެ ކުށުގެ ތެރެއަށް އެ ދެ ބޭފުޅުން ފެތުނީސް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ދިފާއަށް ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެ މިންވަރަށް ހެކި ހުރި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަމުގައި މަހުޖަނެއްގެ އެހީ އެބޭފުޅުން ހޯއްދެވިކަމަށްވެސް ޔާމީން ވިދާޅުވިއެވެ.