ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމް ކުރައްވައިގެން ވާޗުއަލް ކޮށް ކުރިޔަށް ގެންދިޔަ "ސަމިޓް ފޯ ޑިމޮކްރަސީ" ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފިއެވެ.

ވައިޓްހައުސް އިން ވާޗުއަލްކޮށް ބާއްވާ މި ހަރަކާތުގައި ގައުމުތަކުގެ ވެރިންނާ، އެންމެ އިސް ލީޑަރުންގެ އިތުރުން ސަރުކާރުތަކުގެ އިސްވެރިން އަދި ބައިނަލްއަގްވާމީ، މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިން ބައިވެރިވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މި ސަމިޓުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަނިޔާވެރިކަން ހުއްޓުވުމާއި، ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމަށް ބާރުއެޅުމާއި، ދުނިޔޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް އަޑުއަހާ، އެވާހަކަތައް ދެއްކުމުގައި ގައުމުތަކުން އިސްނަގައިގެން އެކަންކަމާމެދު މަޝްވަރާކުރުން ކަމަށެވެ.

މި ހަރަކާތުގައި ރައީސް އަދުގެ ދުނިޔޭގައި ޑިމޮކްރަސީގެ މުހިންމުކަމާއި، ގައުމުތަކުގެ ހަމަޖެހުމަށް ޑިމޮކްރަސީގެ ސަބަބުން ލިބިފައިވާ ހިތްވަރަށް އަލިއަޅުވާލާ ވާހަކަފުޅުދައްކަވާފައެވެ.

މިގޮތުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި މިހާރު މި ފެންނަ ހަމަޖެހުން ގާއިމުކުރެވިފައި ވަނީ އެއްގައުމު އަނެއްގައުމާއި ގުޅިގެން މަސައްކަތްކުރުމުން ކަމަށެވެ.