އެމްޑަބްލިއުއެސްސީން އދ. ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިމަޝްރޫއުގެ މަސައްކަތް އިފްތިތާހް ކޮށްދެއްވީ ކުނބުރުދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު އާއި އެކުންފުނީގެ ބޯޑް މެންބަރު އިބްރާހިމް އަންވަރު އާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަދި ކުނބުރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒުމީ ކަމަށެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީންގެ މެނޭޖްމެންޓްގެ އިސް ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިމަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުނބުރުދޫއަށް ފޮނުވައި، ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ތެރޭގައި ކުނބުރުދޫގައި 2.75 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައިނެޓްވޯކް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި3 ތާންގީ ބެހެއްޓުން ހިމެނޭ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވި ގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
.މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި ކުނބުރުދޫގައި 2.30 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 374 މީޓަރުގެ ފަންޑިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، 2 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުނބުރުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިމަޝްރޫޢުގެ އަގަކީ 45.12 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.