މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކ. ގާފަރުގައި "އޮޑިވެރިޔާ ފޯރަމް" ގެ ނަމުގައި ފޯރަމެއް މަސްވެރިންނަށާއި އަދި އޮޑިވެރީންނަށް އެމްޓީސީސީން ބާއްވައިފިއެވެ.

އެމްޓީސީސީން ބުނީ މިފަދަ ފޯރަމްއެއް ބޭއްވުމުގެ މައިގަނޑު އެއް މަގްސަދަކީ ކުންފުނިން ވިއްކާ މެރިން ދާއިރާއާއި ގުޅުން ހުރި މުދަލާއި ހިދުމަތްތަކާއި އަދި ބޯޓުޔާޑުން ލިބޭ ހިދުމަތްތަކުގެ މައުލޫމާތު މިދާއިރާގެ ވިހާވެސް ގިނަ ބައިވެރިންނަށް ހިއްސާކޮށް، މި ދާއިރާއިން އެކުންފުނިން ހޯދާފައިވާ އިތުބާރު ދެމެހެއްޓުން ކަމަށެވެ.

އިއްޔެ ހަވީރު ކުރިއަށްދިޔަ މިފޯރަމްގައި، އެމްޓީސީސީގެ ބޯޓުޔާޑުގެ އިތުރުން ކަށަވަރުގެ ހިދުމަތްތަކާއި ބެހޭގޮތުން އެ ކުންފުނީގެ އިންޖިނިއަރިން އަދި ޓްރޭޑިން ޑިވިޝަންގެ 6 މެންބަރުން ހިމެނޭހެން، ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް، އަދި އެމްޓީސީސީގެ ބޯޓު ޔާޑުން ދޭ ޑޮކިން، އިންޖިނޭރިން، ވެލްޑިން، މެޓަލް ފެބްރިކޭޝަން، ފައިބާ އަދި ވަޑާމުގެ ހިދުމަތްތަކުގެ މައުލޫމާތު ވެސް މި ފޯރަމްގައި ހިއްސާ ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެކުންފުންނީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ހިދުމަތެއްގެ ހައްލު އެއް ފުރާޅެއްގެ ދަށުން އޮޑިވެރީންނާއި، މަސްވެރީންނަށް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

އަދި އަމާޒަކީ އަބަދުވެސް ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށްދީ، އެމްޓީސީސީގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށް އެކުންފުނިން ބުނެއެވެ.