ބްލެކްމެއިލްކޮށް ބިރުދައްކައިގެން ފައިސާއާއި އަގުބޮޑު ތަކެތި ފޭރެމުންދާ ފަރާތްތަކުން ސްނެޕްޗެޓާއި ޓެލެގްރާމާއި ވައިބާ ފަދަ ސޯޝަލް މީޑިއާ އެޕްތަކުގައި ގްރޫޕްތައް ހަދައިގެން ހަރަކާތްތެރި ވަމުންދާ ކަމަށް ފުލުހުން ރޭ ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން ރޭ ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ޗީފް ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މިފަދަ މައްސަލަތައް ދިމާވުމަށް މެދުވެރިވަނީ މީސްމީޑިއާގެ ތަފާތު އެޕްލިކޭޝަންތައް ބޭނުންކޮށްގެން އެކި އުމުރުފުރައިގެ އަންހެން ކުދިން ބޭނުން ކޮށްގެން ކަމަށެވެ.
އެގޮތުން، އެ އަންހެން ކުދިންނާ ޗެޓުކުރުމަށް ފަހު ބައްދަލު ކުރުމަށް ބުނެ ގެސްޓްހައުސް ފަދަ ތަންތަނަށް މީހުން ދިއުމުން އިތުރު ބަޔަކު އައިސް ހުއްދަނޫން ގޮތުގައި ހިފަހައްޓައި އެމީހުންނަށް ބިރު ދެއްކުމަށް ފަހު ބަރަހަނާކޮށް ފޮޓޯ ނަގައި އަގުބޮޑެތި ތަކެތި ފޭރިގަންނަކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
"މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުން އަންހެންކުދިން ބޭނުންކޮށްގެން ބަރަހަނާ ވީޑިއޯ އާއި ފޮޓޯ ފޮނުވައި ޗެޓުކޮށް ވާހަކަދެއްކުމަށް ފަހު އޮޅުވާލައިގެން މީހުން ގެސްޓްހައުސްތަކަށް ގެންދިއުމަށްފަހު ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދައްކައި، ގަދަކަމުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ ނަގައި ވީޑިއޯކޮށް ފައިސާ އާއި މޯބައިލް ފޯން ފަދަ އެ ވަގުތަކު އެމީހެއްގެ އަތުގައި އެންމެ އަގުބޮޑުކޮށް ހުންނަ ތަކެތި ފޭރިގެން ދާކަން ފާހަގަ ކުރެވިފައިވޭ." ޝިފާއު ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކުން އަންހެން ކުދިން ބޭނުންކޮށްގެން ޗެޓުކޮށް ބައްދަލުކުރަން ތަންތަނަށް ގެންގޮސް ބިރުދައްކަނީ މި މައްސަލަތަކުގައި ޝިކާރައަކަށްވާ ފަރާތްތަކުން ފުލުހުންނަށް މައްސަލަ ހުށަނާޅާނެ ކަމަށް ގަބޫލުކޮށްގެން ކަމާއި، އެހެންވެ މިފަދަ މައްސަލަތައް ހުށަހަޅާ ފަރާތްތަކުން ފުލުހުންނަށް ރަނގަޅު މައުލޫމާތު ބައެއްފަހަރު ނުދޭއިރު މައްސަލަތައް ތަހުގީގުކުރަން ދަތިވާ ކަމަށް ޝިފާއު ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިފަދަ މައްސަލަތައް ހުރި ނަމަ، އެ މައްސަލަތައް ހުށަހަޅަން ޝިފާއު ވަނީ އެދިވަޑައިގެންފައެވެ. އަދި އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ފުލުހުންނަށް އެއްބާރުލުންދީ، ފުލުހުން މެދުވެރިވެގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.