އަޅުގަނޑުމެންނަކީ އަބަދުވެސް ގުރްއާނަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ، ސައްތައިންސައްތަ މުސްލިމް ގައުމެކެވެ. އަދި ގުރްއާން ހިތުދަސް ކުރުމަކީ އަޅުގަނޑުމެން މި މުސްލިމް ގައުމުގެ ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވާ ކަމެކެވެ. އަދި ވަރަށް ގިނަ ބަޔަކު ބޭނުންވާ ވެސް ކަމެކެވެ. މީގެ އެއް ހެއްކަކީ ގިނަ އަދަދެއްގެ ބަޔަކު ގުރުއާން ހިތުދަސްކުރުމަށް ކުރަމުންދާ މަސައްކަތް މިހާރު ފެންނަމުން ދިއުމެވެ.

ކީރިތި ގުރުއާން އުނގަންނައިދިނުމާއި ހިތުދަސް ކުރުވުމުގެ މަސައްކަތަކީ އެންމެ މާތް މަސައްކަތަށް ވާއިރު ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ހާފިޒުކަން ކިޔަވަމުންދާ ދަރިވަރުންގެ އަދަދު 1000 އާ ގާތެވެ. މިގޮތުން ބައެއް ދަރިވަރުން ގުރުއާނާ ބެހޭ މަރުކަޒުގައި ކިޔަވަމުން ދާއިރު އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ފަރާތުން ހިންގާ ހާފިޒުން އުފެއްދުމުގެ ޕްރޮގުރާމުގައި ވެސް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ ބައިވެރިވަމުންނެވެ. އަދި ހަމައެހެންމެ އަމިއްލަ ފަރާތްތަކުން ހިންގާ ހާފިޒުކަމުގެ ކޯސްތަކުގައި ވެސް ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.

މިކަމުން ދޭހަވާ އެއްކަމަކީ ދިވެހިންގެ ހިތުގައި މިހާރު ގުރުއާނަން ޖެހިފައިވާ ލޯބިކަން ޔަގީނެވެ.

މުޅި ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު:

  • ފިރިހެން: 106
  • އަންހެން: 94

ގުރުއާނާ ބެހޭ މަރުކަޒުން ކުރިއަށް ގެންދާ ހިފްޒު ޕްރޮގްރާމް:

"ދަ ޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކޯސް ކޯޑިނޭޓަރު ފާތިމަތު މޫސާ މާހިރު ވިދާޅުވީ ހިފްޒު ޕްރޮގުރާމް ރާވާފައި އޮންނާނީ 5 އަހަރުން ދަސްކޮށް ނިންމާ ގޮތަށް ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ދަރިވަރުންނަށް އެ ޓާގެޓަށް ދާން ދަތިވާ ކަން ފާހަގަ ކުރައްވާ ފާތިމަތު މޫސާ ވިދާޅުވީ ފަސް އަހަރުން ދަސް ނުވިއަށް ގާތްގަނޑަކަށް 7 އަހަރުން ދަސްކުރާ ކުދިން އުޅޭ ކަމަށެވެ.

ހިފްޒު ކޯހުގައި ގާތްގަނޑަކަށް 600 އެއްހާ ދަރިވަރުން އުޅޭ ކަމަށް ވެސް ފާތިމަތު މޫސާ ވިދާޅުވިއެވެ.

ކޯސް ކޯޑިނޭޓަރު ފާތިމަތު މޫސާ މާހިރު / ފޮޓޯ: ދަ ޕްރެސް
ބައެއް ދަރިވަރުން އެބައުޅޭ ވަރަށް އަވަހަށް ދަސްކުރާ ދަރިވަރުން، ވަރަށް ރަނގަޅު ދަރިވަރުން ވެސް، އާންމު ގޮތެއްގައި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުން ވަރަށް ރަނގަޅު
ކޯސް ކޯޑިނޭޓަރު ފާތިމަތު މޫސާ މާހިރު

ފާތިމަތު މޫސާ އިތުރަށް ވިދާޅުވީ ހިފްޒު ކްލާސްތައް ހިންގަނީ މަރުކަޒަށް އައިސް، ދަސްކުރާ އުސޫލަކުން ނޫން ކަމަށާއި ދަރިވަރު ދަސްކުރާނީ ގޭގައި އަމިއްލަ އަށް ކަމަށެވެ. މިގޮތުން ދަސްކޮށްގެން އައިސް މަރުކަޒުގައި ކްލާހުގެ ޓީޗަރަށް ކިޔައި ދޭނީ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ކިޔައިދޭ އިރު ފާހަގަވާ މައްސަލަތައް ޓީޗަރުން ކިޔައިދޭ ކަމަށާއި އަދި ރަނގަޅު ކުރަންވީ ކަންތައްތައް ކިޔައިދޭނެ ކަމަށް ފާތިމަތު މޫސާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ޕްރޮގްރާމުގައި މިއޮންނަނީ އަބަދު ވެސް ފިލާވަޅު ދަސްކުރުމާއެކީގަ އެދަސްވާބައި މުރާޖާ ކުރުން، އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ހިފަހައްޓާ ބައެއް،
ކޯސް ކޯޑިނޭޓަރު ފާތިމަތު މޫސާ މާހިރު

ފާތިމަތު ވިދާޅުވީ ހިފްޒު ކްލާސްތަކުގައި ވަކި ރާގެއް ހާއްސަކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ދަރިވަރުން ކިޔަވާނީ އެހާ ލަސް ނޫން އަދި އެހާ އަވަސް ނޫން، މެދުމިނެއްގެ ރާގަކަށް ކަމަށެވެ.

މަރުކަޒުން ނިންމި ހާފިޒުން:

  • ފިރިހެނުން: 58
  • އަންހެން: 60

މިއާއެކު ޖުމްލަ 118 ހާފިޒުން 2021 ވަނަ އަހަރުގެ މިހާތަނަށް ގުރުއާނާ ބެހޭ މަރުކަޒުން ނިކުމެފައި ވެއެވެ.

ވަކިވަކި އަހަރުތަކަށް ބަލާއިރު 2019 ވަނަ އަހަރު 14 ހާފިޒުން ތަމްރީނު ކޮށްފައި ވާއިރު 2020 ވަނަ އަހަރު 5 ހާފިޒުން އަދި 2021 ވަނަ އަހަރު 13 ހާފިޒުން ގުރުއާނާ ބެހޭ މަރުކަޒުން ސެޓްފިކެޓް ހާސިލް ކޮށްފައިވާ ކަމަށް ގުރުއާނާ ބެހޭ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލް ވިދާޅުވިއެވެ.

ގުރުއާނާ ބެހޭ މަރުކަޒުގެ އިންޗާޖު ޝެއިހް އިލްޔާސް ޖަމާލް / ފޮޓޯ: ދަ ޕްރެސް

އިލްޔާސް ވިދާޅުވީ، ހާފިޒުންގެ މެދުގައި ގާތް ގުޅުމެތް ބޭއްވުމަށްޓަކައި އަދި ހާފިޒުން އެއްބާރުލުން ދޭން މިންވަރެއް ބެލުމަށްޓަކައި ތަރާވީހުގައި ހާފިޒުންގެ ބޭނުން ކުރަން "ތަރާވީސް އިމާމް" ނަމުގައި ޕްރޮގްރާމެއް ފަރުމާ ކުރަމުން ދާ ކަމަށެވެ.

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ހާފިޒު ޕްރޮގުރާމް:

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މި ޕްރޮގުރާމު ހިންގެވުމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އައިއޯސީސީގެ ފަރާތުން އިއުލާން ކުރި ހާފިޒުން އުފެއްދުމުގެ ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބެމުން ދާ ކަމަށެވެ. މި ހަފްތާ ތެރޭ ފެށި މި ޕްރޮގުރާމުގައި މިހާތަނަށް ގާތްގަނޑަށް 600 ދަރިވަރުން ބައިވެރިވެފައި ވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝާހީމް ވިދާޅުވީ މި ޕްރޮގުރާމުގައި ކުޑަކުދިން އަދި ޒުވާން އުމުރު ފުރައިގެ ކުދިން ގިނަ އަދަދަކަށް ބައިވެރިވަމުން ދާ ކަމަށެވެ. އަދި މިއީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ފަރާތުން ހިންގާ ހާފިޒުން އުފެއްދުމުގެ ޕްރޮގުރާމްގެ ތެރެއިން / ފޮޓޯ: އައިއޯސީސީ

ޕްރޮގްރާމްގެ ފީތައް:

  • ހަފްތާ ބަންދުގެ ހުކުރު، ހޮނިހިރު، ކޮންމެ ދުވަހަކު ދޮޅުގަޑިއިރު ކިޔައިދިނުން (ކުލާހަށް ހާޒިރުވެ): މަހަކު 500 ރުފިޔާ
  • ހަފްތާ ބަންދުގެ ހުކުރު، ހޮނިހިރު، ދޮޅުގަޑިއިރު ކިޔައިދޭނެ (އޮންލައިން): މަހަކު 700 ރުފިޔާ
  • ހަފްތާއަކު 5 ދުވަހު ހުކުރު ހޮނިހިރު ފިޔަވާ (ކުލާހަށް ހާޒިރުވެ): މަހަކު 1000 ރުފިޔާ
  • ހަފްތާއަކު ކޮންމެ ދުވަހަކު، ހުކުރު ހޮނިހިރު ފިޔަވާ (އޮންލައިން): މަހަކު 1100 ރުފިޔާ
އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ފަރާތުން ހިންގާ ހާފިޒުން އުފެއްދުމުގެ ޕްރޮގުރާމްގެ ތެރެއިން / ފޮޓޯ: އައިއޯސީސީ

މި ޕްރޮގްރާމުގައި ހިފުޒު ކުރުމާއެކު ރީތި ރާގަށް ގުރުއާން ކިޔަވަން ދަސްކޮށް ދޭނެ ކަމަށް ޝަހީމް ވިދާޅުވެއެވެ. އަދި ބޭރުގެ އުސްތާޒެއް މެދުވެރިކޮށް ކޮންމެ މަހަކު އެއް ފަހަރު އަރަބި ބަހުގެ ކުލާހެއް ނަގައިދިނުމާއި ތަޖްވީދުގެ ހަމަތަކުން ކިޔަވަން ދަސްކޮށްދިނުމާއި ތަރުބަވީ ފިލާވަޅުތަކާއި ގުރުއާނުގެ އަހުލާގު ދަސްކޮށްދިނުމުގެ އިތުރުން ބޭރުގެ ތަޖުރިބާކާރު އުސްތާޒުން ދަރިވަރުންނާ ބައްދަލުކުރުން ހިމެނެއެވެ.

އަމިއްލަ ފަރާތަކުން ހިލޭ ހިންގާ ހާފިޒުކަމުގެ އެންމެ ބޮޑު ޕްރޮޖެކްޓް:

މިޕްރޮގުރާމަކީ ގދ. ފިޔޯރީ އަށް ނިސްބަތްވާ އަޒްހީލް އަހުމަދު ހިންގާ ޕްރޮގްރާމެކެވެ. އޭނާ ވަނީ ސައުދީ އަރަބިއްޔާގެ ހާފިޒެއް ތައާރަފް ކޮށްފައިވާ ކާމިޔާބު ހިފްޒު މެތަޑަކާ ބެހޭ ކުރު ކޯހެއް އޮންލައިންކޮށް ފުރިހަމަ ކޮށްފައެވެ. އަދި އެމެތަޑަށް އޮންލައިން ކޮށް ކިޔަވައިދިނުމަށް ދިވެހިންނާއި ގުޅޭ ގޮތަށް ބަދަލުތައް ގެނެސް ޕްރޮގްރާމެއް ރާވާ އެކަށައަޅާފައެވެ.

އަޒްހީލް ހިލޭ ސާބަހަށް ކުރިއަށް ގެންދާ ހާފިޒު ކަމުގެ ޕްރޮގުރާމާ ބެހޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިގޮތުން 494 ދަރިވަރުން މިވަގުތު، މި ޕްރޮގުރާމުގައި ހިފްޒު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ބުނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކުން އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް ޕްރޮގްރާމްގައި ބައިވެރިވެ ހިފްޒު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އަޒްހީލް އަހުމަދު ހިފްޒު ކްލާހެއްގައި / ފޮޓޯ: އަޒްހީލް

އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ވީހާވެސް ގިނަ ކުދިން ހިފްޒު ޕްރޮގްރާމްގައި ބައިވެރި ކޮށް ޕްރޮގްރާމްގެ ފަހު މަރުހަލާ އަށް ގެންދިޔުމުގެ މަޤްސަދުގައި އާ ބުރެއް ފެށުމަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. އޭނާގެ އަމާޒަކީ މާތްﷲ ގެ ރަހުމަތާއެކު އަބަދުވެސް މަދުވެގެން 500 ކުދިން އޭނާގެ ހިފްޒު ޕްރޮގްރާމްގައި ކިޔަވަމުން ދިޔުމެވެ.

މިހާރު 8 ބެޗަކަށް ކިޔަވައިދެމުން ދާއިރު މި ޕްރޮގުރާމްގެ ކޮންމެ ބެޗެއްވެސް 7 މަސް ދުވަހުގެ ތެރޭގައި ނިންމާލުމުގެ އުއްމީދުގައި ދަރިވަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އެހެން ނަމަވެސް މަސައްކަތަށް ރަނގަޅަށް ވަގުތު ދީގެން ފަރުވާތެރިކަމާއެކު މަސައްކަތް ނިންމާ ކުދިންނަށް މުޅި ހަތިމް 5 މަސް ދުވަހުން އެއް ކޮށް ދަސްކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮތް ކަން މި ވޭތުވެދިޔަ މުއްދަތުގެ ތަޖްރިބާ އިން އެނގޭ ކަމަށް އޭނާ ބުނެއެވެ.

މީގެ އިތުރުން ޕްރޮގްރާމްގެ ދެވަނަ ޓާސްކު (ސްކޭން ރީޑިން) ގެ ދެވަނަ ހަފްތާގެ މަސައްކަތް ނިމުމާ އެކު، އޭގެ ފަހުން އޮންނަ ކްލާސް ތަކުގައި ކީރިތި ގުރުއާން ކިޔެވުމުގައި ތަޖްވީދު އަދި އަޑާއި ރާގު ގެންގުޅޭނެ ގޮތުގެ ފިލާވަޅުތައް ވެސް އޭނާ އަންނަނީ ނަގައިދެމުންނެވެ. އެހެން ކަމުން ހަމައެކަނި ހިފްޒު ކްލާހެއްގެ އިތުރުން މަހްރަޖް ތަޖްވީދުގެ އަމަލީ ތަމްރީން ހިމެނޭ ގޮތުން ގާބިލް ކަން ހުރި މިންވަރަކުން އުނގަންނައިދެމުން ގެންދާނެ ކަމަށް އަޒްހީލް ވަނީ ބުނެފައެވެ.

މި މަސައްކަތަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތެއް ނަމަވެސް ހެޔޮއެދޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި އެފުރުސަތު އަބަދުވެސް ހުޅުވިފައި އޮންނަކަމަށް އޭނާ ބުންޏެވެ.

ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސްގެ ހާއްސަ މެޑެލެއް:

މިދިޔަ އަހަރުން ފެށިގެން ހާއްސަ މެޑެލެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައި ވާއިރު މިދިޔަ އަހަރު 1 ވަނަ ދަރަޖައިގައި ފާސްވެފައި ވަނީ 4 ހާފިޒުންނެވެ.

މެޑަލް ހާސިލު ކުރި ހާފިޒުން:

  • އަލްހާފިޒާ އައިޝަތު ރަފާހު އަލީ، މއ. ހެބޫދޫގެ
  • އަލްހާފިޒާ ނަވާރު ފިރާގް މުހައްމަދުފުޅު، ވިންޓާގްރީން، ޅ. ނައިފަރު
  • އަލްހާފިޒް އަހްމަދު ޒަވްލު، ޝަބްނަމީގެ، ދ. ކުޑަހުވަދޫ
  • އަލްހާފިޒް މުހައްމަދު ޔޫޝައު ބިން ޒަމްޒަމް، މއ. ރިހިރާޅު

މިއަހަރު މި މެޑަލް 11 ހާފިޒުންނަށް ވަނީ ދީފައެވެ.

މެޑަލް ލިބުނު ހާފިޒުން:

  • ހައްވާ އަނީސާ، މާލެ، ދަފްތަރު ނަންބަރު ރސ 13802
  • ސަލްމާން މުހައްމަދު ލަތީފް، ފެހިގެ، ދ. މީދޫ
  • މުހައްމަދު ނާހިލް އަޒްމީލް، ހުޅުމާލެ، ފްލެޓް އޭ-4-5
  • ސީލަތީފާ މުހައްމަދު، ގޯލްޑަން ފްލާވާ، ސ. ހިތަދޫ
  • އާހިލް މުހައްމަދު ޒާހިރު މަލާޒް، ގދ. ތިނަދޫ
  • އާތިފާ އަބްދުލްބާރީ، މާލެ، ދަފްތަރު ނަންބަރު ރސ 12572
  • މުހައްމަދު މިތްޔާޙް ސަލްމާން، ހެވަންލީޑް، ގދ. ތިނަދޫ
  • މުހައްމަދު އަޝްހަމް އަލީ، މއ. އަރިވަރު
  • އައިޝަތު ތޫލާ އަންވަރު، ހުވާސް، ށ. މިލަންދޫ
  • ލައިލް ހުސައިން ހަމީދު، އަލިވާގެ، ދ. ކުޑަހުވަދޫ
  • އައިޝަތު ޝުބާ ޝާހް، ތިމާވެހި، ގދ. ތިނަދޫ

ތިމާ ކުރާ އެންމެ ހެޔޮ ކަމަކުން އޭގެ ފައިދާ ދުނިޔެއާއި އާހިރަތުގައި ކުރާއިރު މީގެ ތެރެއިން އެއް ކަމަކީ ކީރިތި ގުރުއާން ހިފްޒު ކުރުމެވެ. މިކަމުން ދުނިޔެމަތީގައި އުޅޭއިރު އެތައް ބައެއްގެ ލޯބި ލިބޭއިރު، އާހިރަތުގައި މިކަމުން ލިބޭ ފައިދާ މާ ބޮޑެވެ. ކީރިތި ގުރުއާން ހިތުދަސްކުރާ މީހާއަށް މާތް ﷲ ގެ ހަޒްރަތުގައި އޮންނަ ގަދަރު އަދި މާ ބޮޑެވެ. ރާއްޖޭގައި މިހާރު ގިނަ އަދަދެއްގެ ބަޔަކު ހާފިޒުކަމުގެ ކޯސް ކިޔަވަމުން ދާއިރު ރާއްޖެ އުންމީދީ ޖީލެއް އުފެއްދުމާ ދިމާއަށް ދާނެ ކަމާމެދު ޝައްކެއް ނެތެވެ.