އުމުރުން އެންމެ 15 އަހަރުގައި ގުރުއާން ހިތުދަސްކުރި އަލާވީ އައްޔޫބް ބުން މުހައްމަދު ޝުޖާއު އާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވައިފިއެވެ.

މއ. ރަތްއެންދެރި، މާލެ އަށް ނިސްބަތްވާ އަލާވީ ގުރުއާން ހިތުދަސްކޮށް އިމްތިހާން ފުރިހަމަކޮށްފައިވަނީ އެއްވަނަ ދަރަޖަ ހާސިލުކޮށްގެންނެވެ. މިކަމާ ގުޅިގެން މިނިސްޓަރު ޝަހީމް ވަނީ އަލާވީ އާއި އޭނާގެ މަންމަ އަދި ބައްޕައާއި ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެފައެވެ.

ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް އިފްތިތާހް ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ގުރުއާން ހިތުދަސް ކުރާ ކުދިން އުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާ ކަން އިއުލާން ކުރައްވާފައެވެ. އެގޮތުން މި މަޝްރޫއު ފެއްޓެވުމުގެ ގޮތުން ފުވައްމުލަކުން ގުރްއާން ހިތުދަސްކުރި 7 ދަރިވަރަކު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އަންނަ އަހަރުން ފެށިގެން ގުރުއާނާ ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ތިން ފޮތަށްވުރެ ގިނައިން ދަސް ކުރާ ދަރިވަރުންނަށް ޕޮކެޓު މަނީއެއް ދޭން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ ކީރިތި ގުރުއާނަށާއި އިސްލާމްދީނަށް ސަރުކާރުން ބޮޑު އަހައްމިއްޔަތެއް ދެއްވާކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.