މިސްރުގެ ޤްރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް، މުބާރާތުން 2 ވަނަ ހާސިލް ކުރި އިސްކަންދަރު ސްކޫލުގެ ދަރިވަރު ފާތިމަތު ޝާޔާ ޒާހިރު އަށް ސްކޫލް އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އިސްކަންދަރު ސްކޫލުގެ މެނޭޖްމަންޓާއި މުދައްރިސުންގެ އިތުރުން ދަރިވަރުން ގުޅިގެން ޝާޔާ އަށް މަރުހަބާ ކިއީ ހިތްގައިމު މާބޮނޑިއަކުންނެވެ. މީގެ އިތުރުންވެސް ސްކޫލްގެ ނަމުގައި ހަނދާނީ ފިލައެއް ވަނީ ދީފައެވެ.
ޝާޔާ ވަނީ ކީރިތި މިސްރުގައި ބޭއްވި ޤްރްއާން ކިޔެވުމުގެ 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޮލީ ޤްރްއާން" ގައި ބައިވެރިވެ ނުބަލާ ކިޔެވުމުގެ ބައިން ފަހުރުވެރި 2 ވަނަ ދިވެހިރާއްޖެއަށް ހޯދައި ދީފައެވެ. 99.45 މާކްސް އިން މުބާރާތުގެ ދެވަނަ ހާސިލް ކުރި އިރު ކާމިޔާބީގެ އިނާމަކަށް 150،000 އިޖިޕްޓް ޕައުންޑްގެ މާލީ އިނާމެއް ދެވޭނެކަމަށް މިސްރުގެ އައުގާފް މިނިސްޓްރީން ވަނީ ބުނެފައެވެ.
އުމުރުން އެންމެ ނުވަ އަހަރުގައި ޝާޔާ ކީރިތި ޤްރުއާން ހިތުދަސްކޮށްފައި ވާއިރު، 2019 ވަނަ އަހަރު ޝާޔާ ވަނީ މުޅި ޤްރުއާން ފޮތް އެއްކޮށް ހިތުދަސް ކޮށްގެން ރައިސުލްޖުމްހޫރިއްޔާގެ މެޑަލް ވެސް ހާސިލް ކޮށްފައެވެ. އެއަހަރު ހާފިޒު ކަމުގެ ސަނަދު ލިބިގެން ދިޔަ ފަރާތްތަކުގެ ތެރެއިން އެންމެ އުމުރުން ހަގު ފަރާތަކީ ވެސް ފާތިމަތު ޝާޔާ ޒާހިރެވެ.
މީގެ އިތުރުން "ކީރިތި ގުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020" ގައި ޝާޔާ ވަނީ 13 އަހަރުން ދަށުގެ އަންހެން ބައިވެރިންގެ ބައިން 1 ވަނަ ހާސިލް ކޮށްފައެވެ.
ޝާޔާގެ ކާމިޔާބީއަށް ފަހު ރާއްޖެ އެނބުރި އައުމުން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޒާހިރު އަލީވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.