ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ވަގުތީ މިސްކިތް މިއަދު ހުޅުވައިފިއެވެ.

ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ 4.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި މަސްޖިދު އަބީ ބަކްރިއްސިއްދީގު ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

600 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކަތަކީ ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް ހަވާލުކުރީ 80 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މީގެ އިތުރުން މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރެވޭނެ އިންތިޒާމާއި ނަމާދު ކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ، މިސްކިތްތައް އިމާރާތްކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މިސްކިތްތައް ޒީނަތްތެރިކޮށް ބެލެހެއްޓުމަށްވެސް އަހަންމިއްޔަތުކަން ދޭން ޖެހޭ ކަމަށެވެ. އެއާއެކު ހުރިހާ ރައްޔިތުންވެސް ގަވާއިދުން ނަމާދު ގާއިމްކުރުމަށް މިނިސްޓަރު ނަސޭހަތްތެރިވެ ވަޑައިގަތެވެ.

ދެވަނަ ފިޔަވަހީގައި ވަގުތީ ތިން މިސްކިތެއް އަޅަން ރާވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ. މިއީ އޭގެ ތެރެއިން ހުޅުވި ފުރަތަމަ ވަގުތީ މިސްކިތެވެ.

މި މިސްކިތުގެ އިތުރުން، ދެވަނަ ފިޔަވަހީގައި މިހާރު ހުރި މިސްކިތަކީ 650 އެއްހާ މީހުންގެ ޖާގައިގެ "މަސްޖިދުލް އަމީލް ޖަލީލް" މިސްކިތެވެ.