ގަދަކަމުން ދެ މީހަކު ކާރެއްގެ ޑިކީއަށް ލައިގެން ގެންގޮސް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.
މިރޭ ފުލުހުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރޮބަރީ، ތެފްޓް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވީ މިދިޔަ މަހު 26 ވަނަ ދުވަހު 02:35 ހާއިރު 15 މީހުންގެ ގްރޫޕަކުން ބައިވެރިވެގެން ހުއްދަ ނޫން ގޮތުގައި ބަޔަކު ހިފަހައްޓާ، އޭތެރެއިން 2 މީހަކު ނުރުހުމުގައި ކާރަށް އަރުވައިގެން ގެންގޮސްފައިވާ ކަމަށެވެ.
މިގޮތުން އެމީހުންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އިތުރަށް ތަހުގީގު ކުރި ކުރުމުން މިކަމަކީ މާލޭގެ ގެއަކުން ކޮށްފައިވާ ވައްކަމަކާ ގުޅިގެން ހިނގި ހާދިސާއެއް ކަން އެނގިފައިވާ ކަމަށެވެ.
އެ ވައްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، މައްސަލަ ހުށަހެޅި ފަރާތުން އިސްވެ ހުރެ ވައްކަމުގައި ހަރަލާތްތެރިވި މީހުން ހޯދާފައިވާ ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ. އަދި އެމީހުން ވަގަށް ނެގި ކަމަށް ބުނާ ތަކެތި ހޯދުމުގެ ބޭނުގައި ދެ މީހުން ކާރެއްގެ ޑިކީތެރެއަށް ލާ ބަންދުކުރުމަށް ފަހު ހުޅުމާލެއަށް ގެންދިޔަ ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.
އެއަށްފަހު ހުޅުމާލެއިން އެކާރުގައި ގޮސް، މާފަންނު ސަރަހައްދުގައި ހުރި ގެއެއްގެ ގަރާޖުގެ ތެރެއަށް އެދެމީހުން ވެއްދުމަށް ފަހު ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަން ތަހުގީގުން މިހާތަނަށް ލިބިފައި ހުރި މައުލޫމާތު ތަކުން އެނގޭ ކަމަށް ވެސް ލަތީފު ވިދާޅުވިއެވެ.
ލަތީފު ވިދާޅުވީ އެމައްސަލައިގެ ތުހުމަތުގައި 4 މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރޭގައި 21 އަހަރާއި 36 އަހަރުގެ ފިރިހެނުން ހިމެނޭ ކަމަށެވެ. ނަމަވެސް ކޯޓުން ބަންދުގެ މުއްދަތު ޖަހައި ދިނީ ތިން މީހަކަށެވެ. ހަތަރު ވަނަ މީހާ ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލާފައެވެ.
އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ލަތީފު ވިދާޅުވިއެވެ.