މީގެ ދިހަ މަސްދުވަސް ކުރިން ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ތިން މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ރައްކާތެރިކޮށްދިނުމުގެ އަމުރަކަށް ދައުލަތުން އެދިއްޖެއެވެ.

އުދައްޔުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި މީހުން

  • އަހުމަދު ޝަމީމް، ރިހިފަރުދާގެ / ގއ. މާމެންދޫ
  • ޝަރަފް ރަޝީދު، ބިލަތްމާގެ / ގއ. މާމެންދޫ
  • މުހައްމަދު މާޒިން، ގުލްފާމުގެ / ގއ. މާމެންދޫ

މި ތިން މީހުންގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއްގެ މައްޗަށްވެސް ދައުލަތުން ދައުވާ އުފުލާފައިވެއެވެ.

18 އަހަރުން ދަށުގެ ކުުއްޖާގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ދެން ތިބި މީހުންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެ ދައުވާތަކަކީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ
  • މީހަކަށް ހާނީއްކަވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވިކަމުގެ ދައުވާ

މި މައްސަލާގައި އެ އަމުރާ ގުޅިގެން ގޮތެއް ނިންމުމަށް ބޭއްވި އިބްތިދާއީ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން އެދިފައިވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށެވެ. ނަމަވެސް ދިފާއަށް އެ ފޯމު ފޯރުކޮށްދީފައިނުވާތީ، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ސިއްރު ހެކިތަކާ ބެހޭ މައުލޫމާތު އުނިކުރުމަށްފަހު އަންނަ އާދީއްތަ ދުވަހު އަލުން ފޯމު ހުށަހަޅަން އެދިވަޑައިގެންފައެވެ.

އަދި ދެން އޮންނަ އަޑުއެހުމެއްގައި އެ އަމުރު ނެރުމާމެދު ގޮތެއް ނިންމަވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި، ދައުވާ ލިބޭ ތިން މީހުންގެ ބަންދު މުރާޖާ ނުކުރާ ކަމަށް ބުނެ ދިފާއީ ވަކީލުން ވަނީ ޝަކުވާ ކޮށްފައެވެ. ދައުލަތުން އެއަށް ރައްދު ދެމުން ބުނީ، އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހާއްސަ ގާނޫނަކުން ކަމަށްވާތީ ކޮންމެ 30 ދުވަހަކުން ފޯމް ލައިގެން ބަންދު މުރާޖާކުރަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ގާޒީ ވިދާޅުވީ، ބަންދު މުރާޖާކުރަން ޖެހޭ ސަބަބެއް ދިފާއަށް ފެނިއްޖެ ނަމަ، އެ ސަބަބާއެކީ ފޯމް ހުށަހެޅުމުން ބަންދު މުރާޖާކުރުމަށްްޓަކައި އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހުގައެވެ. އެ އަޑުއެހުމުގައި ދެން އޮންނާނީ ދައުލަތުގެ ހެކިތައް ހުށަހެޅުމަށްފަހު މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ކަނޑައެޅުން ކަމަށާއި، އެއަށްފަހު މައްސަލަ ކުރިއަށްދާ ގޮތުގެ ތާވަލެއް އެކުލަވާލާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ވަޅިން ތަކުރާރުކޮށް ހަމަލާދީ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. އޭނާއަށް ފަރުވާ ދިނުމަށްޓަކައި ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން އޭރު ބުންޏެވެ.