މުސާރައާއި އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ މި ޑިސެމްބަރުން ފެށިގެން ދޭން ފަށާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މި ނިންމުމާ އެގޮތަށް އަމަލު ކުރަން، އަހަރަކު 14 މިލިއަން ރުފިޔާ ހޭދަ ކުރާނެ ކަމަށް އެސްޓީީއޯއިން ވަނީ ބުނެއެވެ.

މިނިވަން ވޭޖް އިއުލާން ކޮށްފައި ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުއެވެ. މިނިމަމް ވޭޖާ އެއްގޮތަށް އަމަލު ކުރަން ފަށަން ޖެހެނީ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ދާއިރާތަކަށް ކަނޑައަޅާފައިވާ މިނިމަމް ވޭޖް:

  • ކުދި ވިޔަފާރިތަކަށް، މަހަކު 4500 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000 ރުފިޔާ
  • ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000 ރުފިޔާ
  • ސިވިލް ސާވިސް، މަހަކު 7000 ރުފިޔާ

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންނަށް އެކަންޏެވެ. އެ ގޮތުން އެ މީހުންގެ އުޖޫރަ ހަމަޖެއްސުމުގައި މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސް އޭގައި ހިމެނޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި އެ އުޖޫރައިގެ ތެރޭގައި ނުހިމެނެނޭނެ އިނާޔަތްތަކުގެ ތެރޭގައި، އިތުރު ގަޑީގެ އިނާޔަތާއި، ރަމަޟާން މަހުގެ އިނާޔާތް އަދި ސާވިސް ޗާޖް ހިމެނެއެވެ.

ހަމައެއާއެކު ވަކި ދުވަސްވަރެއްގައި ދެވޭ އެލަވަންސް ނުވަތަ ބޯނަސް އާއި ހާލަތަށް ރިއާޔަތްކޮށް ވަކި މަސްއޫލިއްޔަތެއް އަދާކުރުމަށް އެކި މަސް މަހު އެކި މިންވަރަށް ދޭ އެލަވަންސް އަދި އިންކައިންޑް ބެނެފިޓްސް އާއި އެއިން ކަމަކަށް ހަރަދުވާ މިންވަރަކީ ވެސް އެންމެ ކުޑަ އުޖޫރަ ހަމަޖައްސާ އިރު ނުހިމެނޭނެ އެލަވަންސްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި ދާއިރާތަކުގެ ތެރެއިން ރިސޯޓްތައް ހިމެނެނީ ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލަނީ 100 މުވައްޒަފުންނަށް ވުރެ އިތުރަށް ގެންގުޅޭ، 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކަށެވެ.

އެހެންކަމުން ރިސޯޓް މުވައްޒަފުންނަށް މިނިމަމް ވޭޖެއްގެ ގޮތުގައި 8000 ރުފިޔާ ހަމަޖެހިގެން ދިއުމުން ސާވިސް ޗާޖާ އެކު ރިސޯޓް މުވައްޒަފުންނަށް މަހަކު 12،000 ރުފިޔާ ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.