"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީން ބުނީ "ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ސ.ހުޅުދޫ/ ރަސްގެދަރު މުހަމަދު ޔާސީނަށް ކަމަށެވެ.

މި ހުއްދަ ދީފައި ވަނީ މިއަދު ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

ދާދި ފަހުން "އެކުވެރި ސުވަދީބު ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދައަށް އެދިފައިވާއިރު އީސީން ވަނީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތް ކުރެވޭ ނަމަކަށް ވާތީ، ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ކަމަށް ނުދެކޭ ކަމަށް ބުނެފައެވެ. އެ ޕާޓީ އުފެއްދުމަށް އެދިފައިވަނީ މުހައްމަދު ޔާސީންއެވެ.

ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނޭ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވާ ކަމަށް އީސީން ބުނެއެވެ.

މީގެ އިތުރުން އީސީން ބުނީ "ސިޔާސީ ޕާޓީގެ ގަވާއިދު" ގެ 6 ވަނަ މާއްދާގެ (ރ) ގައި ވަނީ، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން އެ ޕާޓީއަށް ކިޔަން ހުށަހަޅާފައިވާ ނަމަކީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ނަމަކަށް ވާން ޖެހޭނޭ ކަމަށެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ.