ފައިވާނާއި ފުރަގަސް ފަރާތުގައި ރައްކާ ކޮށްގެން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ޕާކިސްތާނުގެ ތިން މީހަކު ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ތިން މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2445 ގުރާމު ހުރިއިރު، ފުލުހުން ވަނީ 3 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ކޯޓުގައި އެދިފައެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުން ތިން މީހުންގެ ބަންދަށް ވެސް ޖަހައިފައި ވަނީ 15 ދުވަހެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 36 އަހަރުގެ، ބުސްރާ އަނީސް އާއި 41 އަހަރުގެ މުނީޒު އަޒީޒްގެ އިތުރުން 49 އަހަރުގެ މުހައްމަދު ޔަސީންއެވެ. މުނީޒު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފަވެއެވެ.

ޔަސީންގެ ފައިވާނުން 738 ގުރާމުގެ ހެރޮއިން ފެނިފައި ވާއިރު ފުރަގަސް ފަރާތުން ނެގި ތިން ބުލެޓުން 254 ގުރާމުގެ ހެރޮއިން ވަނީ ފެނިފައެވެ. އަދި ބުސްރާ އަނީސްގެ ފައިވާނާއި ޖަންގިޔާ ތެރެއިން އަތުލި ހެރޮއިންގެ ބަރުދަނުގައި 852 ގުރާމު ހުރިއިރު މުނީޒުގެ ފައިވާނުން ވަނީ 598 ގުރާމުގެ ހެރޮއިން ހޯދައިފައެވެ.