ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު، 17، މާރާލި މައްސައިގައި ޝަރީއަތުގެ އަޑުއެހުމެއް މާދަމައަށް ތާވަލް ކޮށްފިއެވެ.
މި މައްސަލައިގާ 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ހިމެނޭހެން 4 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. 18 ދަށުގެ ކުޑަކުއްޖާ ފިޔަވާ ދެން ދައުވާ އުފުލައިފާ ވަނީ ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.
މިދިޔަ ފެބްރުއަރީ މަހު 8 ވަނަ ދުވަހުގެ ރޭ އުދައްޔުއަށް ހަމަލާދީ މަރައިލި މައްސަލައިގައި އެ މީހުންގެ މައްޗަށް އުފުލައިފާ ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އަދި އެ ކުޑަކުއްޖާ ފިޔަވާ ދެން ތިބި 3 މީހުންގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފައި ވަނީ މެންދުރުފަހު 1 ޖަހާއިރަށް ކްރިމިނަލް ކޯޓުގައެވެ.
ދާދިފަހުން މި މައްސަލައިގާ ހިމެނޭ ކުޑަކުއްޖާ ވަނީ ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ނިންމުމާއި ގުޅިގެން ގެއަށް ބަދަލުކުރުމުން، އެފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުކުރެވޭ ކުއްޖެއް ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބުނެ އެ އަމުރު ހައި ކޯޓުން ވަނީ ބާތިލް ކޮށްފިއެވެ.
މާމެންދޫގައި ހިނގި އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި މަރާލި އުދައްޔުގެ ހަށިގަނޑު ފެބްރުއަރީ މަހު 15ގައި ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށްފަހު ފެބްރުއަރީ 18ވަނަ ދުވަހު ވަނީ އަނބުރާ ރާއްޖެއަށް ގެނެސްފައެވެ.