ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތަފާތު އެކި ދާއިރާތައް ހިމެނޭހެން 28 އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށް އިންޑިޔާގެ ފޮރިން ސެކެޓްރީ ހަރްޝް ވަރްދަން ވިދާޅުވެއްޖެއެވެ.
މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްބަސްވުންތަކަކީ އަސްކަރީ ދާއިރާއާ ގުޅޭ ގޮތުން ސޮއި ކޮށްފައިވާ އެއްބަސްވުންތަކެެވެ. އެގޮތުން މި ދެގައުމު ގުޅިގެން ހަތިޔާރު އުފެއްދުމާއެކު 2031 ވަނަ އަހަރާ ހަމައަށް އަސްކަރީ އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައި ވެއެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވާއިރު ދާދިފަހުން އިންޑިއާއިން ގަންނަ ރަޝިއާގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ބައިތައް އެގައުމުން އިންޑިއާއަށް ފޮނުވަން ފަށާފައިވާ ކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން "ރަޝިއަން ސެންޓާ ފޯ އިންޓަނޭޝަނަލް މިލިޓްރީ ޓެކްނިކަލް ކޯޕަރޭޝަން" އިން ބުނީ އެގައުމުން އުފައްދާ މިސައިލް އައްޑަނައިގެ އެންމެ ޒަމާނީ އަދި އެޑްވާންސް ނިޒާމު ކަމަށްވާ އެސް-400 މަރުކާގެ ނިޒާމުގެ ބައިތައް އިންޑިއާއަށް ސަޕްލައި ކުރަން މިހާރު ފަށާފައިވާ ކަމަށެވެ. މި ކޯޕަރޭޝަނަކީ ރަޝިއާގެ ހަތިޔާރު، ބޭރު ގައުމުތަކަށް ވިއްކުމުގައި ހަރަކާތްތެރިވާ ކޯޕަރޭޝަނެވެ.
2018 ވަނަ އަހަރު އިންޑިއާއިން އެސް-400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ފަސް ޔުނިޓް ގަތުމުގެ އެއްބަސްވުމުގައި ރަޝިއާ އާއެކު ވަނީ ސޮއި ކޮށްފައެވެ. މި ނިޒާމުގެ ފަސް ޔުނިޓް އިންޑިއާއިން ގަންނައިރު މި ފަސް ޔުނިޓް ގަތުމަށް ބޭނުންވާ ފައިސާގެ ތިންބައިކުޅަ ދެބައި އެގައުމުން ވަނީ ރަޝިއާއަށް ދައްކާފައެވެ.
އިންޑިއާގެ ކުރިން ތުރުކީ، ސޫރިޔާ އަދި އީރާނުން އެ މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުތައް ރަޝިއާއިން ގަނެފައި ވާއިރު އިންޑިއާއިން މި ނިޒާމުތައް ގަންނާތީ އެމެރިކާއިން ވަނީ ފާޅުކަންބޮޑު ގޮތެއްގައި ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން މި ހަތިޔާރު ގަތުމަށް ރަޝިއާ އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް އަދި އެއަށް ފަހު ވެސް އެމެރިކާއިން ވަނީ ރަޝިއާއިން ހަތިޔާރު ނުގަތުމަށް އެދި އިންޑިއާއަށް ހަރުކަށި އިންޒާރުތަކެއް ދީފައެވެ. އަދި މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގައި އޭނާ ވަނީ ސޮއި ކޮށްފައިވާ މި އެއްބަސްވުންތައް އުވާލުމަށް އިލްތިމާސް ކުރައްވާފައެވެ.