މިދިޔަ މަހު 17 ވަނަ ދުވަހުގެ ރޭ ފައިސާ ހޯދުމަށްޓަކައި ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރުމަށް ފަހު އައިޖީއެމްއެޗް ކައިރިއަށް އެއްލާލި ކަމަށް ބުނާ މައްސަލަ އާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

މިމައްސަލާގައި އަނިޔާ ލިބިފައި ވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ހަސަން ފަހީމްއަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެމައްސަލައިގެ އަޕްޑޭޓް ދެމުން ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް އަދި 29 އަހަރުގެ މީހެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އާ ގުޅިގެން ވިލިމާލެގެ ގެސްޓު ހައުސް އެއް ބަލާ ފާސްކޮށްފައި ވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތަފާތު ވާހަކަތަކެއް ދެކެވުނެއެވެ. މިގޮތުން "ދަ ޕްރެސް" އާ އަދި ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ސްޓާފް ސާޖަންޓް ފަހީމްގެ އާއިލާ އިން ބުނެފައި ވަނީ، އޭނާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުގެ ރޭ 11:30 ހާއިރު ކަމަށެވެ.

ފަހީމު ރަހީނުކޮށް އަނިޔާކޮށްފައި ވާއިރު ފައިސާ ނުލިބުމުން އޭގެ އަނެއް ދުވަހު ހެނދުނު ހޭނައްތާލައިގެން އައިޖީއެމްއެޗު ކައިރިއަށް ގެންގޮސް މަގުމައްޗަށް އޭނާ ވައްޓާލާފައިވާ ކަމަށް ވެސް އާއިލާއިން ނޫސްތަކަށް މައުލޫމާތު ދިނެވެ.

ފަހީމް ރަހީނު ކުރި ގުރޫޕުގައި ހަތް މީހުން ހިމެނޭ ކަމަށާއި އެ އެންމެން ވެސް ތިބީ މާސްކު އަޅާ މޫނު ނިވާކޮށްގެން ކަމަށް އާއިލާ އިން ވަނީ އޭރު ބުނެފައެވެ.

އޭނާގެ އާއިލާއިން އިތުރަށް ބުނީ، ފަހީމް ދޫކޮށްލީ އޭނާގެ ފޯނު އަތުލުމަށް ފަހުގައި ކަމަށާއި، އެ ގްރޫޕުން އެކަން ކުރީ މަސްތުވާތަކެތި ގަންނާނެ ފައިސާ ހޯދުމަށް ކަމަށްވެސް އާއިލާއިން ތުހުމަތު ކުރިއެވެ.

ނަމަވެސް އެވާހަކަތައް ދޮގުކޮށް ފުލުހުން ވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ހަސަން ފަހީމް ރަހީނުކުރީ މާލެއިން ކަމަށް ނުބެލެވޭ ކަމަށާއި، މިކަން ހިނގާފައި ވަނީ އޭނާގެ ޒާތީ ދިރިއުޅުމާ ގުޅުން ހުރި ކަމެއްގެ ތެރެއިން ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.