ހދ. ވައިކަރަދޫ ގެއެއްގެ ބަދިގޭގައި ގޭސް ލީކުވެ ހިނގި އަލިފާނުގެ ހާދިސާގައި ޓީޗަރަކު ފިހިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒަމީރު ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށެވެ.

މިހާދިސާގައި އަލިފާން ރޯވާން މެދުވެރިވީ ގޭސް ލީކުވެފައި ހުރުމުން އެ ޓީޗަރު އެކަން ރަނގަޅު ކުރުމަށް އުޅުމުގެ ތެރޭގައި ކަމަށް ޒަމީރު ވިދާޅުވިއެވެ.

މި ހާދިސާގައި ފިހިފައި ވަނީ އެރަށު ސްކޫލުގައި ޓީޗަރުންކަން ކުރާ އިންޑީއާ ރައްޔިތެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

އެޓީޗަރުގެ މޫނާ އަދި އަތް ވަރަށް ބޮޑަށް ފިހިފައި ވާއިރު ޒަމީރު ވިދާޅުވީ އެ ޓީޗަރަށް ފަރުވާ ދިނުމަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖާ އަހްމަދު ދާއޫދު ވިދާޅުވީ އެމީހާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށާއި އެމީހާގެ 20 ޕަސަންޓަށް ވުރެ ބޮޑަށް ފިހިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ދާއޫދު ވިދަޅުވީ އޭނާގެ މޫނާއި، އެ އަތާ، ފައިގެ ފަލަމަސްގަނޑު އަދި ކަރު ވެސް ފިހިފައިވާ ކަމަށެވެ.

މިހާދިސާގައި އެ ބަދިގެއަށް ދޮރު ވެއްޓުން ނޫން، އިތުރު މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.