އިސްލާމްދީނާ ދެކޮޅު ފޮތެއް ވިއްކާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިފޮތަކީ ކުރީގެ މަޝްހޫރު ލިޔުންތެރިއެއް ލިޔެފައިވާ ފޮތެކެވެ. މީގެ ދެ ދުވަސް ކުރިން އިސްލާމިކް މިނިސްޓްރީ ޓެގްކޮށް މީހަކު ކުރި ޓްވީޓެއްގައި ބުނީ، މި ފޮތަކީ ކީރިތި ރަސޫލާއާއި އިސްލާމްދީނާ ބެހޭ މައުލޫމާތުގެ ފޮތެއް ކަމަށް ބަލައިގެން އޭނާގެ ރަށްޓެއްސެއް ގަނެފައިވާ ފޮތެއް ކަމަށާއި، ނަމަވެސް އެފޮތުގައި ހުރީ އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އޭނާ އިތުރަށް ބުނީ، މިފޮތަކީ ހުރިހާ ދީނެއް އެއްކޮށްލަން ދީފައިވާ ފޮތެއް ކަމަށެވެ. އަދި ރާއްޖެ ސައްތަ އިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދައުވާކުރާއިރު، މިފަދަ ކަންތައްތައް ނުހުއްޓުވޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެ ޓްވީޓަށް ދިން ޖަވާބުގައި އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން މި މައްސަލަ ގާތުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި މި ފޮތް ގަތް ތަނުގެ މައުލޫމާތު ސާފުކޮށްދިނުމަށްވެސް މިނިސްޓްރީން ވަނީ އޭނާގެ ކިބައިން އެދިފައެވެ.

ދީނާ ދެކޮޅު މި ފޮތުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ކްލިކް ކޮލެޖުން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ހަރަކާތެއްގައި ނަސޯރާ ދީނުގެ ލަވައެއް ޖެހި މައްސަލައެއްވެސް އިސްލާމިކް މިނިސްޓްރީންނާއި ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލައާ ގުލިގެން ކްލިކް ކޮލެޖުން ބުނީ އެ ލަވަ ޖެހީ ގަސްތަކު ނޫން ކަމަށެވެ.

މީގެ އިތުރުން، އއ. އުކުޅަހުގެ ގެސްޓްހައުސެއްގައި ކްރިސްމަސް ގަހެއް ބެހެއްޓި މައްސަލައެއް ހޫނުވެ، އެރަށުގެ ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.