މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ގދ. ހޯނޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި 9 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަ މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން 2 މީހުން ފިޔަވާ އެންމެންގެ ކުށުގެ ރިކޯޑު އޮވެއެވެ.

1. ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު (24އ): ވައްކަމާއި ބިރުދެއްކުމުގެ ރެކޯޑު އޮވޭ

2. ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (50އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

3. ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (23އ): މާރާމާރީގެ ރެކޯޑެއް އޮވޭ

4. ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން (25އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

5. ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (25އ): މަސްތުވާތަކެއްޗާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ރެކޯޑު އޮވޭ

6. ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް (37އ): މަސްތުވާތަކެއްޗާއި ވައްކަން ކުރުމުގެ ރެކޯޑު އޮވޭ

7. ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު (32އ): މަސްތުވާތަކެއްޗާއި ވައްކަން ކުރުމުގެ ރެކޯޑު އޮވޭ

8. ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދުސިދުރަތު (27އ): ކުށުގެ ރެކޯޑެއް ނެތް

9. ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް (25އ): ކުށުގެ ރެކޯޑެއް ނެތް

މީގެ ތެރެއިން އަރުޝަދު ހާލިދު، އަހުމަދު ސުނައިން، އަލީ ޒުބެއިރު އަދި އަހުމަދު ގިޔާސް ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެއްހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައެވެ.

ފުލުހުން ތުހުމަތު ކޮށްފައި ވާ ގޮތުގައި މި މީހުންގެ ތެރޭގައި އިސްކޮށް ހުރީ އަރުޝަދެވެ. އަރުޝަދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ގެންގުޅެ، ފުޅާ ދާއިރާއެއްގައި އެތަކެތި ޓްރެފިކް ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިނގާފައެވެ. އެގޮތުން އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ހޯޑެއްދޫގެ 10 ގެއެއް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ގެތައް ބަލައި ފާސްކުރި އިރު މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އަލާތްތައް ވެސް ވަނީ ފެނިފައެވެ.

އެ އޮޕަރޭޝަންގައި ނުވަ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން އަދި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން ވަނީ ހޯދައިފައެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައި ވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް ތަކުގައި ވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައި ވާ ފައިސާ ކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވެސް ވަނީ ފްރީޒް ކޮށްފައެވެ.