އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލޭން ރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން އިއްޔެ ބުނީ، މިނިސްޓްރީން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރަން ބޭނުންވާ މީހުންނަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ނަމަވެސް، މިއަހަރުގެ މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުން މިވަގުތު ފަގީރުންގެ ދަފްތަރުގައި ހިމެނޭތީވެ، އެމީހުން ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި، މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، ރަސްމީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން މެންދުރުފަހު 12:30 އަށް ފޯމު ބަލައިގަންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިދިޔަ 1442 ވަނަ އަހަރުގެ ފަގީރުންގެ ލިސްޓުގައި 1،520 މީހުން ވެއެވެ. މީގެ ކުރިން ހުރި ދަފްތަރުތައް އުވާލާ، އާ ދަފްތަރެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ.