މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާ ކުރާ ފުރަތަމަ މައްސަލައިގައި ފުލުހުންގެ ތަހުގީގު ތެރެއިން ހޯދި 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގައިދިނުމަށް ދައުލަތުގެ ވަކީލު އެދިއްޖެއެވެ.

އެ މައްސަލައިގާ ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމްގެ މައްޗަށެވެ.

އިސްމާއިލް ޝަރީފް އާއި ޝާނިޔާ އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނު (2011/17) ގެ 105 ވަނަ މާއްދާ އާއި 114 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އިތުރުން މަނީލޯންޑަރިން އާއި ޓެރަރިޒަމް އަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު (2014/10) ގެ 5 ވަނަ މާއްދާގެ ދަށުން މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާބެހޭ ގާނޫނު (2011/17) ގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (2014/9) ގެ 613 ވަނަ މާއްދާގެ ދަށުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވަނީ އިސްމާއިލް ޝަރީފްގެ މައްޗަށް އުފުލާފައެވެ.

ހަސަން ރަޝީދާއި ހަސަން ލޫތްގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ގާނޫނު (2011/17) ގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި އެ ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަނީލޯންޑަރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (2014/10) ގެ 5 ވަނަ މާއްދާގެ ދަށުން މަނީލޯންޑްރިންގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.

މީގެ އިތުރުން ހަސަން ރަޝީދުގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު (2011/17) ގެ 116 ވަނަ މާއްދާގެ ދަށުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ދައުވާ އުފުލާފައި ވާއިރު ހަސަން ލޫތުގެ މައްޗަށް ވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނު (2011/17) ގެ 114 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އިސްމާއީލް ޝަރީފްގެ ދައުވާ އިއްވަވަމުން ދައުލަތުން ބުނީ ޖުމުލަ 1،542،675 ރުފިޔާ ފުލުހުންގެ އޮޕަރޭޝަނުން ހޯދާފައިވާކަމަށެވެ. އެގޮތުން އެ އޮޕަރޭޝަނުގައި އޭނާގެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ހޯދި މަސްތުވާތަކެތީގެ އަދަދާއި ފައިސާ ވެސް ހާމަކޮށްފައިވާއިރު އެ ވަގުތު އޭނާގެ އަތުގައި 1،775 ރުފިޔާ އޮތް ކަމަށާއި ލައިގެން ހުރި ޖިންސުގެ ޖީބެއްގައި އޮތް ވެލޮޓްގައި 1،000 ރުފިޔާ އާއި ގެއިން ފެނުނު ހޭންޑް ބޭގެއްގައި 66،000 ރުފިޔާ ގެ އިތުރުން އިތުރު 7،800 ރުފިޔާ ވެސް އެ ގެއިން ފެނިފައިވާކަމަށް ބުނެފައިވެއެވެ.

އިސްމާއިލް ޝަރީފަށް ވަނީ އޭނާ މަސްތުވާތަކެތި ގަނެގެން ބޭނުން ކުރާ ކަމަށް އެއްބަސްވެ އެހެންނަމަވެސް އެތަކެތި އެތެރެކޮށް ވިއްކާ ކަމަށް އިންކާރު ކޮށްފައިވެއެވެ. އިސްމާއިލް ޝަފީއުގެ ގާނޫނީ ވަކީލު ވަނީ ޑައިމޯފިންގެ ދެ ގްރާމް އަދި ކެނަބިސްގެ 10 ގްރާމް ބޭނުން ކުރާނަމަ ޓްރެފިކިންގެ ދައުވާ އުފުލޭނެކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އިސްމާއީލް ޝަރީފް ވަނީ އެ އަދަދަށް ބޭނުން ކުރި ކަމަށް އެއްބަސްވެފައެވެ.