މީގެ ތިން މަސް ކުރިން ކ. ރަސްފަރީގެ ފަރަށް އެރި "އެމްވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ ކާގޯ ބޯޓުން އެމްއެމްއޭ އަށް ޖޫރިމަނާ ދައްކާ ހަލާސްކޮށްފިއެވެ.

މިދިޔަ އޮގަސްޓު މަހުގެ 19 ގައި ރަސްފަރީގެ ފަރަށް އެރި "އެމްވީ ނަވިއޯސް އަމަރިލިސް" ބޯޓު ފަރަށް އެރި މައްސަލާގައި 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން އީޕީއޭއިން އެންގި އެންގުން އެ ބޯޓުގެ ވެރިފަރާތުން ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ތިމާވެއްޓާ ބެހޭ ވުޒާރާގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލަ ބެއްލެވުމަށް ފަހު، މިދިޔަ މަހު ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވީ، ވަގުތު އޮއްވާ ކަމާބެހޭ ފަރާތްތަކަށް އެންގި ނަމަ އެ ބޯޓު ސަލާމަތްކުރެވުނީސް ކަމަށާއި، އީޕީއޭގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތްކަމަށެވެ. އެއާއެކު މިނިސްޓަރު ވަނީ، ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ގުދުރަތީ ރައުސުލްމާލަކީ ފަރުތަކުގެ ނިޒާމު ކަމަށާއި އެއަށް ރާއްޖޭގެ މުޅި އިގްތިސޯދު ބިނާވާކަން ފާހަގަ ކުރައްވާފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ބޯޓުގެ ވެރިފަރާތާއެކު އެ މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީ އަދި ޓްރާންސްޕޯޓް އޮތޯރިޓީން ކުރި މަޝްވަރާތަކަށް ފަހު، ބޯޓުގެ ވެރިފަރާތުން ވަނީ ޖޫރިމަނާ ފައިސާއާއި، ރަސްފަރީ ފަރަށް ގެއްލުން ލިބުނު ސަރަހައްދު އަނބުރާ އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭގޮތަށް ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު (154.2 މިލިއަން ރުފިޔާ) އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށް ޖަމާކޮށްދީފައި ކަމަށެވެ.

އެހެންކަމުން، އެ ބޯޓު ރާއްޖޭން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް މިހާރު ނިންމާފައިވާ ކަމަށްވެސް، ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުންޏެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދުނު ފަހަރެވެ. އަދި ވަކިން ހާއްސަކޮށް، ތިމާވެށްޓަށް ލިބުނު ގެއްލުމެއް ރަނގަޅު ކުރުމުގެ މަސައްކަތަށް ހަރަދުކުރުމަށް ޝަރުތުކޮށް މިފަދަ ފައިސާއެއް ދައުލަތަށް ހޯދުނު ފުރަތަމަ ފަހަރެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، ޖޫރިމަނާ ފައިސާ ދެއްކުމުގެ އިތުރުން، ތިމާވެށްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ގާބިލުކަން އީޕީއޭގައި އިތުރުކުރުމުގެ ގޮތުން މި ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބޯޓުގެ ވެރިފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު) ގެ ދަށުން 1995 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިން ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މިސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ގާހުޅުނބު ލަނޑައާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.