މާލެ ސިޓީ އިމާމުންނާއި ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް-2021 ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ރާވާ އިންތިޒާމްކޮށްގެން މިމަހު 2،4 އަށް ހިންގި ޕްރޮގުރާމެކެވެ. މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި ބައިވެރިން ބުނެފައިވާ ކަމަށެވެ.

އިލްމީ ގޮތުން ފުންނާބު އުސް އުސްތާޒުންތަކެއްގެ ފުރިހަމަ ދަރުސްތަކެއް ލިބިގެންދިޔަ މި ޕްރޮގްރާމްގެ އެހީގައި އިމާމުންނާއި ހަތީބުން ރަނގަޅުކޮށް އިސްލާޙްކުރަންޖެހޭ ގިނަ ކަންތައްތަކެއް އެނގިގެން ދިޔަކަމަށް ވެސް ބައިވެރިން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނާއި މުހާތަބްކުރައްވަމުން މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހްމަދު ޒާހިރު އަލީ ވިދާޅުވީ، މިއީ މިފަދަ ޕްރޮގްރާމެއް މިހާ ފުޅާދާއިރާއެއްގައި ހިންގި އެންމެ ފުރަތަމަ ފަހަރު ކަމަށާއި މިކަމުގެ އެންމެ ބޮޑު ބޭނުމަކީ އިމާމުންނާއި ހަތީބުން ކުރާ މަސައްކަތްތަކަކީ ރައްޔިތުން ބަލައިގަންނަށް މަސައްކަތްތަކެއް ކަަމަށް ހެދުން ކަމަށެވެ.

އެހެންކަމުން މި ޕްރޮގްރާމްގެ އަލީގައި ބައިވެރިންނަށް ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެން ގޮސްފައިވާކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އާއްމު ރައްޔިތުންގެ ފަރާތުން އިމާމުންނާއި ހަތީބުންނާއި ބެހޭގޮތުން ލިބޭ ޝަކުވާތަކަށް ހައްލެއް ލިބި، ކަންކަން ރަނގަޅުވެގެންދާނެ ކަމުގައި އުންމީދުުކުރައްވާ ކަމުގައިވެސް ޑރ. ޒާހިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިފަދަ ޕްރޮގްރާމެއް ފުރިހަމަކަމާއި ކާމިޔާބުކަމާއެކު ގެންދެވުނު ކަމަށްޓަކައި، މިކަމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޑރ. ޒާހިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޑރ. ޒާހިރު ވަނީ އަހަރަކު މިފަދަ 3 ޕްރޮގްރާމް ހިންގުމަށް ރާވާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އައްޑޫ، ފުވައްމުލަކު، ކުޅުދުއްފުށީ ސިޓީގައި ވެސް އިމާމުންނާއި ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ގެންދަވާނެކަމުގެ އިޝާރާތް ކުރައްވާފައެވެ. ހަމައެހެންމެ، އަތޮޅުތެރޭގެ އެހެން ރަށްރަށަށްވެސް މި ޕްރޮގްރާމް އަމާޒުކުރައްވާނެ ކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީން ބުނީ އިމާމުންނާއި ހަތީބުންނާއި އަދި ޕޫލް އިމާމުން ހިމެނޭގޮތަށް ޖުމްލަ 94 ފަރާތެއް ބައިވެރިވި މި ޕްރޮގްރާމްގެ 80 ޕަސަންޓަށްވުރެ މަތިން ހާޒިރީ ލިބުނު ފަރާތްތަކަށް ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 40 ޕަސަންޓާއި 80 ޕަސަންޓާ ދެމެދު ހާޒިރީ ލިބުނު ފަރާތްތަކަށް ބައިވެރިވި ކަމުގެ ހަނދާނީ ލިޔުން ވެސް ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މައިގަނޑު ގޮތެއްގައި މި ޕްރޮގްރާމްގައި ކިޔަވައިދީފައިވަނީ ތަޖުވީދު، ހުކުރު ގަވައިދާ އުސޫލު، ސިވިލް ސާވިސްގެ ގަވައިދާ އުސޫލު، މަސައްކަތުގެ އަހްލާގާއި އެހެން މީހުންނާއި މުއާމަލާތްކުރުން، ނަމާދުގެ ހުކުމްތައް އަދި ހިލާފީ މައްސަލަތަކުގައި އަމަލުކުރާނެގޮތް ފަދަ މައުލޫތައް ކަމަށެވެ.