އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ތެރެއިން 38 މިލިއަން ރުފިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުގެންދަވާ ވާހަކަ އާންމުކޮށް ވިދާޅުވާން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައިސް ޔާމީން އެހެން ވިދާޅުވީ، "މަރުހަބާ ރައީސް ޔާމީން" ގެ ނަމުގައި މިރޭ ކާނިވަލުގައި ކުރިއަށް ދާ ޖަލްސާގައެވެ. ޔާމީން ވިދާޅުވީ އެމެއެމްޕީއާރުސީ ފައިސާގެ ތެރެއިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހަށް 38 މިލިއަން ރުފިޔާ ލިބުނު ވާހަކަ މީހުން ދައްކާ އިރު އެކަމަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އަދި އެ މައްސަލަ ބަލަން ޖެހޭ ކަމަށާއި ނަމަވެސް ޕޮލިސް ކޮމިޝަނަރަކަށް އާއިލީ ބޭފުޅަކު ހުންނަވާ، އަދި ސަރުކާރުގެ ޕްރޮސެކިއުޓާ ޖެނެރަލަކު ހުންނަވައިގެން އެމައްސަލަ ނުބެލޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ރައީސް ސޯޅިހު އެމްއެމްޕީއާރުސީގެ ފައިސާ ޖެހިވަޑައިގެންނެވި ކަމުގެ ތުހުމަތު ރައީސް ޔާމީނު ކުރެއްވި އިރު ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.

ރައީސް ޔާމީން މިރޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން މި ސަރުކާރަކީ ގާނޫނީ ސަރުކާރެއް ނޫން ކަމަށްވެސް މިިރޭ ޔާމީން ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އެތައް ކަމެއް ކޮށްދޭން ވައުދުވެގެން އައިސް މިހާރު މުޅިންވެސް ބުނަނީ ކޮންމެ ކަމެއްވެސް ކުރެވޭނީ 2023 ގައި ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު މަނީ ލޯންޑަރިން ހިމެނޭ މައްސަލައެވެ. 4 ބިލިއަނަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ދައުލަތަށް ނުލިބި، އެ ހިޔާނާތުގެ ބައިވެރިން ވަނީ ނަގާފައެވެ.

އެމްއެންޕީއާރުސީ ހިޔާނާތުގެ މައްސަލަގައި ރައީސް ޔާމީނުގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކޮއްފައި އޮއްވާ ސްޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބާތިލު ކޮށް ޔާމީނު މިނިވަން ކޮށްފައެވެ.

ސްޕްރީމް ކޯޓުން ޔާމީން މިނިވަންވެފައި ވާއިރު އިތުރު 2 ދައުވާ މިހާރުވެސް ދައުލަތުން ޔާމީނުގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ދެ ދައުވާ އަކީ ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލައެވެ. ރ. ފުއްގިރި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ. ވ. އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.