ހދ. ކުޅުދުއްފުށީގައި ހުންނަ "މެސްކޮޓް ގަރާޖް"ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މެސްކޮޓް ގަރާޖުގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަންއަށް ލިބިފައިވަނީ ރޭ 02:48 ހާއިރު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ވަގުތުން ހަރަކާތްތެރިވާން ފެށި ކަމަށާއި އަދި ފަޔާ ފައިޓަރުން އެސަރަހައްދަށް ގޮސް ކުރި މަސައްކަތުން ރޭ 03:45 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ދުން އަރާތީ ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން މިއަދު ހެނދުނު 06:30 ހާއިރު އެ ސަރަހައްދަށް ގޮސް އެތަނަށް ފެން ޖަހާ ދުންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އަލިފާން ރޯވި ގަރާޖަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލް މެންބަރު ރިޟްވާން މުހައްމަދު ވިދާޅުވީ އެހާދިސާ ހިނގާފައި ވަނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ސީދާ ކަން ހިނގި ގޮތް އިނގޭނީ ތަހުގީގު ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޟްވާން އިތުރަށް ވިދާޅުވީ އެ ގަރާޖަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި، އަދި އެތަނުގައި އޮތް ޕިކަޕެއް ވެސް ވަރަށް ބޮޑަށް އަނދާފައިވާ ކަމަށެވެ.