ސްޕޭންގައި މިމަހު ބާއްވާ ދުނިޔޭގެ ބެޑްމިންޓަން މުބާރާތުން ފުރުސަތު ހޯދައި، ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ދެބެއިން ކަމަށްވާ ނަބާހާ އާއި ނަބީހާ މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާއިރު، މިއީ ބެޑްމިންޓަންގެ ވޯލްޑް ޗެމްޕިއަންޝިޕެއްގައި ރާއްޖޭގެ ކުޅުންތެރިން ކުޅޭ ފުރަތަމަ ފަހަރެވެ.

މިމަހުގެ 12 އިން 19 އަށް ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑަބަލްސް ބުރުން ނަބާހާ އާއި ނަބީހާގެ ޕެއާއަށް ފުރުސަތު ލިބުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެ ދެ ކުޅުންތެރިންނަށް ލިބިފައިވާ ކާމިޔާބީތަކަށް ބެލުމަށް ފަހުގައެވެ. އެގޮތުން އެންމެ ފަހުން ނެރުނު ރޭންކިންގައި ނަބާހާ އާއި ނަބީހާގެ ޕެއާ އޮތީ ދުނިޔޭގެ 117 ވަނައިގައެވެ.

މީގެ ކުރިން 2019 ގައި ބީޑަބްލިއުއެފްގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ގައި ނަބާހާ އާއި ނަބީހާ ހިމެނިފައިވާއިރު، މިއީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ފުރަތަމަ ދެ ކުޅުންތެރިންނެވެ.

ޖުމްލަ ނުވަ މެޑަލެއް ބައިނަލްއަގުވާމީ މުބާރާތްތަކުން ނަބާހާ އާއި ނަބީހާ ރާއްޖެއަށް ހޯދައިދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެއް ރަން މެޑައްޔަކާއި، ހަތަރު ރިހި މެޑަލް، އަދި ހަތަރު ލޯ މެޑައްޔެވެ.

ނަބާހާ އާއި ނަބީހާއަށް ލިބިފައިވާ ކާމިޔާބީތަކާއި މެޑަލްތައް

  • 2019 ވަނަ އަހަރުގައި ޕާކިސްތާނުގައި ބޭއްވި މުބާރާތުން ރަން މެޑަލް
  • 2019 ގައި ބޭއްވި އައިއޯއައިޖީން ރިހި މެޑަލް
  • 2017 އާއި 2018 ގައި ދެކުނު އޭޝިއާގެ 21 އަހަރުންދަށުގެ މުބާރާތުން ރިހި މެޑަލް
  • 2018 ވަނަ އަހަރު މޮރިޝަސްގައި ހޯދި ރިހި މެޑަލް
  • 2017 އާއި 2019 ގައި މޮރިޝަސްއިން ލޯ މެޑަލް
  • 2019 ގައި ދެކުނު އޭޝިއާގެ 21 އަހަރުންދަށުގެ މުބާރާތުން ލޯ މެޑަލް
  • 2018 ގައި ބޭއްވި ނޭޕާލް މުބާރާތުން ލޯ މެޑަލް

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ނަބާހާއާއި ނަބީހާ މިމަހުގެ 10 ގައި ފުރާނެއެވެ. އަދި ފުރަތަމަ ބުރުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ނުކުންނާނީ ދުނިޔޭގެ 34 ވަނައިގައި އޮތް ރަޝިއާގެ އެކަޓެރީނާ މަލްކޯވާ އާއި އަލީނާ ޑަވްލެޓޯވާގެ ޕެއާ އާއި ދެކޮޅަށެވެ.

މިހާރު ބަންގްލަދޭޝްގައި ކުރިއަށްދާ ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީޒްގައި ނަބާހާއާއި ނަބީހާ ވާދަކުރަމުން ގެންދާއިރު، މިދިޔަ މަހު ގަތަރުގައި ބޭއްްވި ސީރީޒްގައިވެސް އެ ދެ ކުޅުންތެރިން ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.