މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ދައުވާ ކުރާ އުމުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ ބަންދު ދަމަހައްޓައިފިއެވެ.

ޒިހާންގެ ބަންދު ދަމަހައްޓާފައި ވަނީ އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ. އިއްޔެ ކުރިއަށް ދިޔަ އަޑުއެހުމުގައި ޒިހާން އަށް ކުރާ ދައުވާތައް ވަނީ އިއްވާފައެވެ.

ޒިހާންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއަކާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ 5 ދައުވާއަކާއި ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ކުރުމުގެ ދައުވާއަކާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ކުއްޖަކު ގްރޫ މްކުރުމުގެ ދައުވާއެވެ. މީގެ އިތުރުން ހުއްދަނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާއަކާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރުމުގެ 3 ދައުވާއެއް ޒިހާންގެ މައްޗަށް ވަނީ އުފުލާފައެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ކުޑަކުއްޖާގެ ބަންދު މިއަދު ޖުވެނައިލް ކޯޓުން އިތުރުކޮށްފައި ވާއިރު އެ އަޑުއެހުމުގައި ގޭބަންދުގައި ހުރި އެ ކުއްޖާ އަނބުރާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދު ކުރަން ވަނީ އެދިފައެވެ. އެހެން ނަމަވެސް ކުޑަކުދިން ބައިތިއްބާ ޖަލުތަކުގެ ހާލަތު ގޯސްކަމަށް އެޗްއާރުސީއެމުން ކަނޑައަޅާފައި ވާތީ، އެ ކުއްޖާ ގޭބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރު ވަނީ ދަމަހައްޓާފައެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ދައުވާއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮއްޓަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.