ގަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތް ކޮށް، ސައްހަނޫން ލިޔެކިޔުން ބޭނުން ކޮށްގެން ފައިސާ، ރާއްޖެއިން ބޭރުކުރާ މައްސަލައެއްގައި ހޯދަމުން ދިޔަ 2 ބިދޭސީން އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ދެ މީހުން ރޭ އަމިއްލައަށް ފުލުހަށް ހާޒިރުވެފައި ވާ ކަމަށާއި އެއާއެކު އެ ދެ މީހުން ވެސް ހައްޔަރު ކޮށްފައި ވާ ކަމަށެވެ. އަދި މިހާރު އެ މައްސަލާގެ ތަހުގީގު ކުރިއަށް ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ، ސައްހަނޫން ލިޔެކިޔުން ބޭނުން ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނީ އިއްޔެއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން ދިޔައީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު އިގްބާލް ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544)އެވެ.

ރާއްޖޭގެ ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުުހުމަތުކުރެވޭ ބޭރުގެ 2 ބޮޑަކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރު ކޮށްފައިވެސް ވެއެވެ.