މިޔަރު މަސްވެރިކަމަކީ މީގެ ކުރިން ރާއްޖޭގައި ކުރި ކަމެކެވެ. ނަމަވެސް މިޔަރުތައް ބާނައި ހުސްކުރާތީ ސަރުކާރުން 2010 ގައި މިޔަރު ބޭނުން މަނާކުރިއެވެ. އަދި ޖެހިގެން އައި އަހަރު އޭގެ ވިޔަފާރި ކުރުން ވެސް މަނާ ކުރިއެވެ. ނަމަވެސް ހިތާމައަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި މި މަސައްކަތް ފުޅާކޮށް އަދިވެސް ކުރަމުން ދާ ކަމެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ގަވައިދާއި ހިލާފަށް މިޔަރުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކަށް ވަދެ، މިޔަރު ބާނަމުންދާ ކަމުގެ ޝަކުވާއާއި ރިޕޯޓްތައް ލިބެމުންދާ ކަމަށް މީގެ ކުރިން ވެސް ބުނެފައެވެ. އަދި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކާ ދޭތެރޭ، ތިމާވެށީގެ ގާނޫނުގެ ދަށުން، ފިޔަވަޅު އަޅާނެ ކަމަށް ވެސް އީޕީއޭން ބުނެއެވެ.

މިޔަރު މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި ބަޔަކު ބާނާފައިވާ މިޔަރު ތަކެއްގެ މިޔަރު އުރަހަ ތަކެއް ހިއްކަން އަތުރާފައި / ފޮޓޯ: ޕޮލިސް

ނަމަވެސް މިގައިވަދަށް އެއްވެސް ބެލުނެތް ނެތި ރާއްޖޭގައި މިޔަރު މަސްވެރިކަމަށް ހާއްސަ ލޭނު އަޅައިގެން މިޔަރު ބާނައެވެ. ބައެއް މީހުން ކަނޑުމަތީގައި ވަގަށް މިޔަރު ކަނޑައި ދޯނީގައި ފޮރުވައިގެން އުރަހަ ހިއްކައެވެ. އަދި އަނެއް ބަޔަކު ޖެހިލުމެއް ނެތި އާއްމު ތަންތަނުގައި ވެސް މިޔަރު ކަނޑައި ރަށު ތެރޭގެ އަށިތަކުގައި މިޔަރު އުރަހަ ހިއްކައެވެ. ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހަ ކިލޯއެއް އާއްމުކޮށް އުޅެނީ 400 ޑޮލަރުގައެވެ.

ވޭތުވެދިޔަ 3 އަހަރު މިޔަރުގެ ބައިތައް ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅުނު 5 މައްސަލައެއް:

މިޔަރުގެ ބައިތައް ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅުނު 5 މައްސަލައެއް ވޭތުވެދިޔަ 3 އަހަރު ތެރޭ ކަސްޓަމްސް އިން ބަލާފައި ވާއިރު، މި 5 މައްސަލައިގެ އިތުރުން އެއްވެސް މައްސަލަ އެއް (އެއީ ކަނޑުގައި ދިރިއުޅޭ ބާވަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުކުރުން މަނާ ތަކެތީގެ) ކަސްޓަމްސް އަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ކަސްޓަސްއިން ބުނެއެވެ.

ރާއްޖޭން ބޭރުކުރަން އުޅުނު މިޔަރު އުރަހަތައް / ފޮޓޯ: އޭވިއޭޝަން ސެކިއުރިޓީން

ކަސްޓަމްސް އިން ބުނީ މި 5 މައްސަލައިގެ ތެރެއިން 2 މައްސަލަ އަކީ މިޔަރު އުރަހަ ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅުނު 2 މައްސަލަކަމަށެވެ. އަދި 3 މައްސަލައަކީ މިޔަރު މަސް ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅުނު 3 މައްސަލަކަމަށެވެ. ކަސްޓަމްސް އަށް ނޭނގި ރާއްޖޭން ބޭރަށް މިފަދަ ތަކެތީގެ ވިޔަފާރި ކުރުމަށް ގެންގޮސްފައި ވާކަމުގެ މައްސަލައެއް ވެސް ކަސްޓަމްސްއަށް ރިޕޯޓް ކޮށްފައި ނުވާކަން ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަސްއިން ބުނި 5 މައްސަލައިގައި ހިމެނެނީ ކޮން ކުންފުނިތަކެއް ކަން ކަސްޓަމްސް އިން ހާމަ ކޮށްފައި ނުވާއިރު މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު 429 ކިލޯގެ މިޔަރު އުރަހަ ބޭރު ކުރަން އުޅުނު މައްސަލައިގައި އައްބާސް އަބްދުﷲ އާއި އަހުމަދު މުހައްމަދު ކިޔާ ދެ މީހަކަށް ވަނީ ދައުވާ ކުރުމަށް ފޮނުވާފައެވެ. އެ މީހުންނަށް ކުރި ދައުވާތަކަކީ ރާއްޖެއިން ސިއްރުން މުދާ ބޭރު ކުރުމުގެ ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.

އަދި މި މައްސަލާގައި ޖިނާއީ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި އަދި މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން އަތުލައިގެން މިޔަރު އުރަހަތަކެއް

މީގެ އިތުރުން މިދިޔަ އޮގަސްޓު މަހު 26 ވަނަ ދުވަހު ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، 14 ފޮށިގަނޑެއްގައި ހުރި 243 ކިލޯގެ މިޔަރު އުރަހަ ވަނީ އަތުލާފައެވެ. ޖިނާއީ ދައުވާ ކުރުމަށްޓަކައި މިޔަރު މަހުގެ މައްސަލައެއްގެ ތަހްގީގު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ލަފާގެ މަތީން ކަސްޓަމްސްއިން ކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ އެ 2 މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާމެދު އެ ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމަށް މި 2 މައްސަލައިގެ މައުލޫމާތުު ހިމެނޭ ރިޕޯޓްތައް މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗާ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި އަނެއް މައްސަލާގައި ތަހުގީގު ނުނިމޭތީ ފިޔަވަޅު ނާޅާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ލޮނުމަސްނަމުގައި ރާއްޖޭން ބޭރުކުރަން އުޅުނު މިޔަރު އުރަހަތައް / ފޮޓޯ: ކަސްޓަމްސް

ބާކީ 3 މައްސަލައިގެ ތަހްގީގު ކަސްޓަމްސް އިން ކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސްއިން ބުނިގޮތުގައި މި 3 މައްސަލައިގެ މައުލޫމާތު މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗާ އާ ހިއްސާކޮށްފައި ވާ ކަމަށާއި އަދި މައްސަލަތަކުގައި ފެނިފައިވާ ތަކެތި ލެބޯޓްރީ ތަހްލީލްތައް ކުރުމަށްޓަކައި ސާމްޕަލް ވެސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

މިޔަރުގެ ބައިތައް ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅުނު 5 މައްސަލައިގައި ހިމެނޭ މިޔަރުގެ ބައިތައް ވަނީ ކަސްޓަމްސް ގާނޫނާ ގަވާއިދުގެ ދަށުން ހިފަހައްޓާފައެވެ. އަދި މިއިން އެއްވެސް މައްސަލައެއްގައި ރިޕީޓަޑް ޕާޓީސް ނުވަތަ އެއް ބައެއް ހިމެނިފައި ނުވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިޔަރު އުރަހަތަކެއް

ދިރިހުރި މިޔަރެއްގެ ފައިދާ ދިވެހި އިގްތިސާދަށް މާ ބޮޑު:

ދިރާސާތަކުން ދައްކާގޮތުގައި ދިރިހުރި މިޔަރެއްގެ ފައިދާ ދިވެހި އިގްތިސާދަށް މާ ބޮޑަށް ކުރެއެވެ. ހަމައެހެންމެ މިޔަރުގެ ސަބަބުން މަސްވެރިކަމަށް ވެސް ފައިދާ ކުރެއެވެ. 20120 ވަނަ އަހަރު މިޔަރު ހިމާޔަތް ކުރި އިރު ބައެއް މަސްވެރިން އެކަމަށް ތާއީދުވެސް ކުރިއެވެ. އެއީ މިޔަރަކީ ކޯމަސްހެން މާ ކަނޑުގައި މަސް އައިނުތައް ތިލަ ކުރާ އެއްޗަކަށް ވެފައި ދޮށީގެ މަސްވެރިކަމަށް މިޔަރުގެ މުހިންމުކަން އެ މީހުންނަށް އެނގޭތީއެވެ.

މިޔަރަކީ މަސް އައިންތަކުން މަސް ކައިގެން މަސްތަކުގެ އާބާދީ ވަކި ވަރެއްގައި ދަމަހައްޓާ އެއްޗަކަށް ވާއިރު މިޔަރުގެ އާބާދީއަށް ލޮޅުމެއް އައިސްފި ނަމަ ދެން އުޅޭ ދިރުންތަކަށްވެސް އަސަރުކޮށް، މުޅި ނިޒާމަށް ގެއްލުންވާނެ ކަމަށް މެރިން ކޮންޒަވޭޝަނިސްޓުން ބުނެއެވެ. އަދި ރާއްޖޭގައި މިޔަރު ހިމާޔަން ކޮށްފައި އޮތުމާއެކު އާންމުކޮށް މިޔަރު ބާނާ ނެހެދޭތީ، ރާއްޖޭގެ ކަނޑުތަކުގައި މިހާރު ގިނަ އަދަދަކަށް މިޔަރު ވަނީ އާލާވެފައެވެ. މަސްވެރިންގެ ބަހުން އެނގޭ ގޮތުގައި މަސް ގަނެގެން ނަނު ދަމަދަމާ އޮއްވާ މިޔަރު އަރާ ހިފާ މަސްކާލައެވެ. އަދި މިޔަރު ހިފާފައި ހުންނަ އެތައް މަހެއް މިހާރު ކަނޑުމަތިން ފެންނަ ކަަމަވެސް މަސްވެރިން ބުނެއެވެ.