ޑައިވިންއަށް ގޮސް އުޅެނިކޮށް މިޔަރެއް ހަމަލާދިމް ފަތުރުވެރިޔާ އަށް އައިޖީއެމްއެޗްގެ ވޯޑުގައި ފަރުވާދެމުން ދާ ކަމަށް އެ ހޮސޕިޓަލުން ބުނެފިއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި އެ ފަތުރުވެރިޔާއަށް މިޔަރެއް ހަމަލާ ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އަތޮޅުގައި ޑައިވް ކުރަމުން ދަނިކޮށެވެ. އެ ފަތުރުވެރިޔާ އަށް ހަމަލާ ދިނުމުން ވަނީ ލޯންޗެއްގައި މާލެއަށް ގެނެސް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން ބުނީ، އެ ފަތުރުވެރިޔާއަށް ދަނީ ވޯޑުގައި ބާއްވައިގެން ފަރުވާ ދެމުން ކަމަށެވެ. މި ވަގުތާ ހަމައަށް އެ ފަތުރުވެރިޔާގެ އެއްވެސް ސާޖަރީއެއް ކޮށްފައި ނުވާ ކަމަށް ހޮސްޕިޓަލުން ބުނި ނަމަވެސް ސީދާ ފަތުރުވެރިޔާގެ ހާލު ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

އަދި އެއީ ކޮން ގައުމަކަށް ނިސްބަތްވާ ފަތުރުވެރިއެއް ކަން ވެސް ސާފުވާ ގޮތެއް ނުވެއެވެ.

މި ހާދިސާ ހިންގި ދުވަހު ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ފަތުރުވެރިޔާ ލޯންޗުން ގެނެސް ބޭލީ ފިރިހެނެއްގެ އަތްދަނޑި މަތީގައެވެ. ބޮޑުތަކުރުފާނު މަގު ބީއެމްއެލް ސަރަހައްދަށް މަޑުކުރި އެ ލޯންޗުން ފޭބުމަށް ފަހު ޕިކަޕަށް އެ އަންހެންމީހާ އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ ދައުރުވެފައެވެ.

އެއަށްފަހު އެ ފިކަޕުން އެމްބިއުލާންސަށް ލާން އެނދަކަށް އެ އަންހެން މީހާ ނަގާ މަންޒަރު ފެންނަ ވިޑިއޯއެއް ވެސް ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން އެ އަންހެން މީހާއަށް މިޔަރު ހަމަލާ ދީފައިވާ ކަނާއަތް ވަރަށް ސާފުކޮށް ފެނެއެވެ. އެ އަތުގެ އުޅަނބޮށިން މަތިން ކޮނޑާ ހަމައަށް ވަރަށް ބޮޑަށް ޒަހަމްވެފައިވާ އިރު އަތުގެ އެ ހިސާބުގެ މަސްގަނޑު ވަނީ އިރިފައެވެ.