މިސްކިތްތަކަށް ކުޑަކަމުދިޔަ ހަސަން ޒިޔާދު އެއް މަހާއި 19 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ޒިޔާދު އެންމެ ފުރަތަމަ ހައްޔަރު ކުރީ، ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އެތެރެއަށް އަދި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ކުޑަކަމުދިއުމާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލާގައި އޭރު އޭނާ ވަނީ ދޫކޮށްލާފައެވެ. ފުލުހުން މީގެ ކުރިން ބުނީ ޒިޔާދަކީ ސިކުނޑިހަމަނުޖެހޭ މީހެއް ކަމަށެވެ. ނަމަވެސް ޖެންޑާއިން އޭނާގެ ސިކުނޑީގެ އުނިކަމެއް ނެތް ކަމަށް ބުނެފައި އޮއްވާ އޭނާ މިސްކިތަކަށް ވަދެ ހަތީމަނަކަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ދެން ދުލެއް ނުކުރެއެވެ.

އިސްލާމީ މަރުކަޒަށާއި ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ މައްސަލާގައި، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދެ ދައުވާއެއް ޒިޔާދުގެ މައްޗަށް ކޮށްފައި ވާއިރު މި ދެ ދައުވާ އަށް ވެސް ޒިޔާދު ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފް ވެފައެވެ.

ޒިޔާދު ވަނީ ޖޫރިމާނާގެ އަދަބަކަށް އަދަބު ބަދަލުކޮށް ދޭން އެދިފައެވެ. ނަމަވެސް ކޯޓުގެ ހުކުމުގައި ވަނީ އޭނާގެ އަމަލަކީ ހުތުރުކަން ބޮޑު އަމަލަކަށް ވުމުގެ އިތުރުން އޭނާގެ އަމަލުތައް އަމާޒު ކޮށްފައި ވަނީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާ ގުޅުން ހުރި ތަންތަނަށް ކަމަށް ވާއިރު ޖޫރިމަނާގެ އަދަބެއް ދޭން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.

އެ ކުށަށް ގާނޫނުލްއުގޫބާތުގައި އޮންނަ އަސާސީ އަދަބު ކަމަށްވާ އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބު އެއްކޮށްލުމުން އޭނާގެ މައްޗަށް ޖުމްލަ ދެ މަހާއި 12 ދުވަހަށް ހުކުމް ކުރީ ކަމަށް ވަކިވަކިން އިއްވި އެ ދެ ހުކުމުގައި ވެއެވެ.

ނަމަވެސް އެ މައްސަލާގައި އޭނާ ބަންދުގައި 23 ދުވަސް ހޭދަ ކޮށްފައި ވާތީ ކޯޓުން ވަނީ ޖަލު މުއްދަތު އެއް މަހާއި 19 ދުވަސް ކަމަށް ކަނޑައަޅާފައެވެ.

ޒިޔާދުގެ މައްޗަށް ވަނީ މިސްކިތަށް ވަދެ، ހަތިމަށް ކުޅު ޖެހި މައްސަލައާ ގުޅިގެން ވެސް ދައުވާ ކޮށްފައެވެ.