ގަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތް ކޮށް، ސައްހަނޫން ލިޔެކިޔުން ބޭނުން ކޮށްގެން ފައިސާ، ރާއްޖެއިން ބޭރުކުރާ މައްސަލައެއްގައި ދެ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރުފައިވާ ގަނެ ވިއްކާ، ސައްހަނޫން ލިޔެކިޔުން ބޭނުން ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު އިގްބާލް ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544) ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އެދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅާ ހިއްސާ ކުރުމަށް އެދިފައެވެ.

ރާއްޖޭގެ ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި އިސްކޮށް އުޅޭ ކަމަށް ތުުހުމަތުކުރެވޭ ބޭރުގެ 2 ބޮޑަކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރު ކޮށްފައިވެސް ވެއެވެ.

އެމައްސަލާގައި ހައްޔަރު ކުރީ ބަންގުލަދޭޝަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ރޮބީއުﷲ ނަމަކަށް ކިޔާ މީހަކާއި އުމުރުން 31 އަހަރުގެ ފިރުދައުސް ނަމަކަށް ކިޔާ މީހެކެވެ. މި ދެމީހުން ބަންދުގައި ތިބި އިރު މީގެ ތެރެއިން ރޮބީއުﷲ ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެއްގެ ނަމުގައި އެންމެ ފުޅާދާއިރާއެއްގައި ޑޮލަރު ބޭރުކުރާ މީހާއެވެ.

މި ރަބީއުﷲގެ އަމިއްލަ އެކައުުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައި ވާއިރު އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ވެސް ކަޅުބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމެވެ.

އެމްއެމްއޭ އާއި ފުލުހުން ބުނާ ގޮތުން؛

  • މިދިޔަ އަހަރު 363 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ބިދޭސީން ރާއްޖެއިން ބޭރު ކުރި
  • މިހާރު ހައްޔަރު ކޮށްފައި ތިބި 2 މީހުންގެ ތެރެއިން ރޮބީއުﷲ އަކީ ފައިސާ ބޭރު ކުރުމުގެ ބޮޑެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މަނީ ޓްރާންސްފާ އޮފީސްތަކާއި ބޭންކުތައް މެދުވެރިކޮށް އަދި ނުރަސްމީ އުސޫލުތައް މެދުވެރިކޮށް، މުސާރަ އާއި އިނާޔަތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރެއިން 363 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) ބިދޭސީން ރާއްޖެއިން ބޭރުކޮށްފި ވެއެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އެކި މައްސަލަތަކުގައި، އުޅޭ ވަކި ތަނެއް ނޭނގޭ ބިދޭސީންނާއި ދިވެހިން، ހޯދަން އިއުލާން ކޮށްފައެވެ. އެގޮތުން ވައްކަމުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގައި ފުލުހުން ވަނީ މީގެ ކުރިން ވެސް މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މިފަދަ ކަންކަމަށް އާންމުން ދޭ އެއްބާރުމަށް ފުލުހުން އަންނަނީ ޝުކުރު ވެސް އަދާކުރަމުންނެވެ