ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އާ ދެމެދު އެމްއޯޔޫއެއް ގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫ ގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއީލްއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ޔޫތު މިނިސްޓްރީއިން ހިންގާ ހާއްސާ ޕުރޮގްރާމެކެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމްގެ ދަށުން އެމްޑަބްލިޔުއެސްސީއިން އިން ހިންގާ ފުރަތަމަ 2 ބެޗްގައި 17 ދާއިރާއަކުން 73 ޒުވާނަކަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި މިވަގުތު މަސައްކަތްކުރާ 15 މުވައްޒަފެއްވެސް އެ ޕްރޮގްރާމްގައި ބައިވެރިވާނެ ކަމަށެވެ. އެގޮތުން ޕްރޮގްރާމްގައި ކޮންމެ ބެޗެއްގެ ބައިވެރިން 6 މަސްދުވަހުގެ މުއްދަތަށް އެ ކުންފުނީގައި މަސައްކަތްކޮށް ބައިވެރިވާ ދާއިރާގެ ހުނަރުތައް އަމަލީ ގޮތުން ދަސްކޮށް ތަމްރީން ވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ. އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގައި ހިމެނޭ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށާއި އަދި މީގެ ދަށުން ހިންގާ ތަމްރީން ޕުރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް" އާ އެއްގޮތް ވާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ އެ ކުންފުނީ ގެ އުންމީދަކީ އެ ޕުރޮގްރާމްގެ ސަބަބުން މުޖުތަމައުގައި ވަޒީފާގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެފުރުސަތު ތަނަވަސްކޮށްދީ މުޖުތަމައުގައި ބޭނުން ހިފޭ ޒުވާން މަސައްކަތްތެރިންތަކެއް ބިނާކުރުން ކަމަށެވެ.