މީގެ 6 އަހަރު ކުރިން މާޗް 20، 2015 ވަނަ ދުވަހުގެ ރޭ ލ. މުންޑޫ ނޫވިލު، އުމުރުން 29 އަހަރުގެ އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ހުކުމަކާ ހަމައަށް ދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން މައްސަލައެއްގެ މެދުތެރެއިން އާ ގާޒީއަކު މައްސަލައާ ހަވާލުވުމުން މައްސަލައަށް ކުރިއަށް ގެންދަވާނެ ގޮތެއް ކަނޑައަޅަން އަޑުއެހުމެއް ބާއްވާ އެ ގޮތެއް ކަނޑައަޅަން ޖެހެއެވެ. ގާޒީ އަލީ އާދަމް ނިންމެވީ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި އޮންނަތާ ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަން ވެސް ފާހަގަ ކުރައްވާ ގާޒީ ވިދާޅުވީ އޭނާގެ އަމާޒަކީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި މައްސަލައިގެ ގޮތެއް ނިންމައި ހުކުމް ކުރެއްވުމެވެ.

ދައުވާ އުފުލިފައިވާ ލ. މުންޑޫ ބީޗްވިލާ އަލީ ސިފާމްގެ ވާތު ކަންފަތަށް ދިމާވި ސިއްހީ މައްސަލަތަކަށް އެކަށީގެންވާ ފަރުވާއެއް ނުލިބި ދިއުމުގެ ސަބަބުން އެ ކަންފަތަށް މިހާރު ނީވޭ ކަމުގެ ޝަކުވާ މިއަދުގެ އަޑުއެހުމުގައި ފާހަގަކުރުމުން ގާޒީ ވަނީ ވަނީ ސިފާމްގެ ސިއްހީ ލިޔެކިއުންތަކުގެ ރިޕޯޓް ދައުލަތަށާއި ކޯޓަށް ހިއްސާ ކުރުމަށް އަންގައިފައެވެ. އަދި އެ ކަންކަން ދައުލަތުން ގާތުން ބަލަން ވެސް ގާޒީ އަމުރު ކުރެއްވިއެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސިއްރު ހެކިވެރިޔަކު ބުނީ ހެކިވެރިޔާއަށް ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގޭގެ ތެރެއިން ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރު ޒިޔަދަމް މަރާލިކަމަށް ތުހުމަތު ކުރެވޭ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫންގެ ސޯޓާއި އަތުގައި ލޭ ހުރިތަން ފެނުނު ކަމަށެވެ.

އަލީ ޒިޔަދަމް، މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން އޭނާ ބެލި ޑޮކްޓަރު ވަނީ ބުނެފައެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް އޭރު ޑޮކްޓަރު ވަނީ ބުނެފައެވެ.

2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ޝަނޫނާއި ސިފާމް ޒިޔަދަމްގެ ފަލަމަސްގަނޑަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ލ. މުންޑޫ، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.