ހިޔާ ފްލެޓްތަކުގެ ފެންބިލާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން ފަސް ދުވަހުގެ ހެލްޕްޑެސްކެއް ގާއިމް ކޮށްފިއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރަކަށް، މެންދުރު އެކަކުން ހަވީރު ފަހެއް ޖަހަންދެން ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރުގައި އެމްޑަބްލިއުއެސްސީން ހެލްޕްޑެސްކެއް ގާއިމް ކޮށްފައި ވަނީ އެކުންފުނިންދޭ ހިދުމަތްތަކަށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހޯދައިދިނުމަށާއި، މައުލޫމާތު ފޯރުކޮށް ދިނުމުގެ ގޮތުންނެވެ.

އެގޮތުން، އެމްޑަބްލިއުއެސްސީގެ ހެލްޕްޑެސްކު މެދުވެރިކޮށް އާންމުން ފެންބިލާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމާއި، ފްލެޓުގެ ވެރިފަރާތުން އައިޑީކާޑާއި ފްލެޓު އެއްބަސްވުމުގެ 29 ވަނަ ސަފްހާ ގެނައުމުން ފެން މީޓަރު ރަޖިސްޓްރީ ކޮށް، އެކުންފުނީގެ ލީނިޔަންސީ ޕޮލިސީ މެދުވެރިކޮށް މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ސްކީމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މީގެ އިތުރުން، އެޕާޓްމަންޓްތަކުގައި ފެން ލީކެއް އުޅޭކަން ދެނެގަންނާނެ ގޮތްތަކާއި، އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ދެން ކަންކުރަންވީ ގޮތުގެ މައުލޫމާތުވެސް މި ހެލްޕްޑެސްކުން އާންމުންނާ ހިއްސާކުރާނެ ކަމަށް، އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިއުއެސްސީން މިއަދު ގާއިމްކުރި ހެލްޕްޑެސްކުގެ އިތުރުން، 7962395 އަށް ގުޅާލުމުން ނުވަތަ ވައިބާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެކުންފުނިން މަސައްކަތްކުރަމުން ދަނީ ފެންބިލާ ގުޅޭ މައްސަލަތައް ކަސްޓަމަރުންނާ ގުޅިގެން ހައްލުކުރުމަށް ކަމަށެވެ.