ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތައް އަދި އެޕްލިކޭޝަންތައް ބްލޮކް ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.

ފުލުހުން ބުނީ ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތައް އަދި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ މައްސަލަ ތަހުގީގުކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން، މިއަމުރު ތަންފީޒްކުރުމަށް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު އަންގާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި އެހެން ދީންތައް ފަތުރާ ވަސީލަތްތައް ބްލޮކް ކުރަން އަމުރެއް ނެރެފައިވާއިރު ރާއްޖޭގައި އެހެން ދީންތައް ފެތުރުމާ ގުޅޭ މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން އަންނަނީ ފަތުރަމުންނެވެ. މިގޮތުން ނަސޯރާ ދީނުގެ ކުރެހުންތަކާއި އެހެން ދީނާ ބެހޭ ވެބްސައިޓެއްގެ ލިންކް ހިމަނާފައިވާ ޕޯސްޓުތަކާއި ދިވެހި ބަހުން އަޑުއަޅާފައި ހުންނަ ނަސާރާ ދީން ފަތުރާ ވީޑިއޯތައް ވެސް ވަނީ ދައުރުވެފައެވެ.