އަލަށް ފެނުނު ކޮވިޑްގެ ވޭރިއަންޓް އޮމިކްރޯން ދުނިޔޭގެ ގިނަ ހިސާބުތަކަށް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާ މިކަމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ ހާލަތު ވަރަށް ގޯސްވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
މިމަހުގެ 24 ވަނަ ދުވަހު ދެކުނު އެފްރިކާއިން ފުރަތަމަ ރިޕޯޓްކުރި އޮމިކްރޯން ވޭރިއަންޓާ މެދު ކަންބޮޑުވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނީ ހުކުރު ދުވަހެވެ. އެހެން ނަމަވެސް އަވަސް އަރުވާލައިގެން ފިޔަވަޅުތައް ނޭޅުމަށް އެޖަމާއަތުން ގައުމުތަކަށް އިލްތިމާސްކުރިއެވެ.
ޑަބްލިއުއެޗްއޯއިން މިއަދު ބުނީ އޮމިކްރޯންއާ ބެހޭ ގޮތުން އެންމެ ފަހުން ހޯދި ހޯދުންތަކުން ދައްކާ ގޮތުން މި ވޭރިއަންޓްގެ ފަރާތުުން މުޅި ދުނިޔެއަށް އޮތް ރިސްކު އިންތިހާއަށް ބޮޑެވެ. އެޖަމާއަތުން ބުނީ މި ވޭރިއަންޓްގެ ސަބަބުން މިހާތަނަށް މީހަކު މަރުވެފައިވާ ކަން ކަށަވަރުވެފައި ނެތް ނަމަވެސް ވޭރިއަންޓްގެ ސަބަބުން ބަލި ފެތުރުން އިތުރުވެއްޖެނަމަ ދުނިޔޭގެ ގައުމުތަކުގެ ސިއްހީ ނިޒާމުތަކަށް ނުކަތައިގެން ކޮވިޑްގައި މީހުން މަރުވާ އަދަދު އިތުރުވުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ. އަދި މިފަދަ ހާލަތަކަށް ގޮއްސި ނަމަ ބައެއް ސަރަހައްދުތަކުގެ ހާލު ވަރަށް ގޯސްވެގެންދާނެ ކަމަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ޑަބްލިއުއެޗްއޯއިން ވަނީ އޮމިކްރޯންއާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ގައުމުތަކަށް ގޮވާލާފައެވެ. އަދި އާބާދީގެ ހައި ރިސްކު ގްރޫޕްތަކަށް ވެކްސިން ދިނުމަށް އިސްކަން ދިނުމަށާ ކޭސްތައް އިތުރުވެގެންދާނެ ހާލަތެއްގައި ސިއްހީ ނިޒާމްތައް އިނދެޖެހުނަ ނުދީ ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެޖަމާއަތުން 194 ގައުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.
ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު އޮމިކްރޯން އެފްރިކާ ބައްރުގެ އެހެން ގައުމުތަކާ ޔޫރަޕާ އޭޝިޔާގެ ބައެއް ސަރަހައްދުތަކުން ވެސް މިހާރު ވަނީ ފެނިފައެވެ.