މިއަދުން ފެށިގެން އެޕޮއިންޓްމަންޓް އުސޫލުން ބޫސްޓާ ޑޯޒް ޖަހަން ކިއޫ ނަމްބަރު ދޫކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް އޮންލައިންކޮށް ކިއޫބީ މެދުވެރިކޮށް ނަންބަރުތައް ދާނީ ދޫކުރަމުން ކަމަށާއި، އެގޮތުން އޭޑީކޭ ހޮސްޕިޓަލުން ބޫސްޓާ ޑޯޒް ޖަހައިދެމުން ގެންދާނެ ކަމަށެވެ.

ނަމަވެސް، ބޫސްޓާ ޑޯޒް ޖަހައިދޭނީ ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މިހާރުވެސް އެޕޮއިންޓްމަންޓް އުސޫލުން ބޫސްޓާ ޑޯޒް ޖަހައިދެމުން ގެންދާއިރު، ރާއްޖޭގައި ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. މިގޮތުން ބޫސްޓާ ޑޯޒް ޖަހައިދެމުން ދަނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި މީހުންނަށެވެ.

އެންމެ ފުރަތަމަ ބޫސްޓާ ޑޯޒް ދޭން ފަށާފައިވަނީ ފްރަންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށާއި، 60 އަހަރުންމަތީގެ މީހުންނަށާއި، ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކަމަށްވީ ނަމަވެސް، އަންނަ މަހުން ފެށިގެން އާންމުންނަށް ބޫސްޓާ ޑޯޒް ޖަހަން ސަރުކާރުން ވަނީ ނިންމާފައެވެ.

މިހާތަނަށް ވެކްސިން ފުރިހަމަކުރި މީހުންގެ ތެރެއިން 9،558 މީހުން ވަނީ އިއްޔެގެ ނިޔަލަށް ބޫސްޓާ ޑޯޒް ޖަހައިފައެވެ.

ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭން ޖަހަނީ ފައިޒާއެވެ.