ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
މިމައްސަލާގައި އުމުރު ދުވަހަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބް އާއި ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހް އާއި ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި ކ. މާލެ، ޓޮމާޓޯފްލާވަރ ހުސެއިން ޖައިލަމްގެ މައްޗަށެވެ.
އައިމަން އަދި ނަބާހްގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު ނިހާދުއާއި ޖައިލަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މިއަދުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނީ އެ މައްސަލައިގެ މުހިންމު ހެއްކެއް ދޮގު ހެކިބަސް ދީފައިވާތީ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުނުވާ ކަމަށެވެ. މަވެސް ފޮރެންސިކް ތަހުލީލުތަކާއި ބައެއް ޝަފަހީ ހެކިންގެ ހެކިބަހަށް ބަލާއިރު އެ މީހުންގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވި ކުށް ސާބިތުވާ ކަމަށެވެ.
އެ ހަތަރު މީހުންގެ މައްޗަށް ވެސް ގާޒީ ހަސަން ސައީދު ހުކުމް ކުރެއްވީ 21 އަހަރާއި 10 މަހާއި 25 ދުވަހަށް ޖަލަށް ލުމަށެވެ. އެއީ އެ ހަތަރު މީހުން މިއަދާ ހަމައަށް ތިން އަހަރާއި އެއް މަހާއި ހަތަރު ދުވަހު ޖަލުގައި ހޭދަކޮށްފައިވާތީ އެ އަދަދު އުނިކުރުމަށް ފަހުއެވެ.
އޮކްޓޫބަރު 11، 2018 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޝައްފާން މަރާލީ އޭނާ ދިރިއުޅެމުން ދިޔަ ސަބުދެލިޔާ މަގު ގ. ރޯޒީ ކުރިމަތިން ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ކަމަށް ވެސް ފުލުހުންގެ ތަހުގީގު ޓީމުން ހާމަކޮށްފައިވެއެވެ. އޭނާގެ ގައިގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.