މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 76 އަށް ދަށްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ވޭތުވެ ދިޔަ 24 އިރު ތެރޭ 3820 ސާމްޕަލް ޓެސްޓު ކޮށްފަިއވާ އިރު، ޕޮޒިޓިވް ވެފައި ވަނީ މާލެ ސަރަހައްދުން 22 މީހަކާއި، އަތޮޅުތެރެއިން 49 މީހަކާއި ރިސޯޓްތަކުން 05 މީހެކެވެ. މިއާ އެކު އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު މި ވަނީ 1794 އަށް ދަށްވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 91350 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭ ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފައެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯޓް ކުރާ ދުވަސްތައް ފާހަގަ ކުރެވެއެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިއަދާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 626
ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 248 އަށް އަރާފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 199 މީހަކު މަރުވެފައެވެ.
މިއަދު ރާއްޖެއިން 76 މީހަކު ޕޮޒިޓިވްވެފައި ވާ އިރު އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 152 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތަފްސީލަށް ބަލާއިރު ކޭސްތައް ދަށްވެފައި ވަނީ ރަށްރަށުން ޕޮޒިޓިވްވި މީހުން ދަށްވެގެންނެވެ. މީގެ ކުރިން ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު 90 އާ 120 އާ ދެމެދުގައި ހުރެ މިއަދު ވަނީ އެ އަދަދު 49 އަށް ދަށް ވެފައެވެ.