ޖަރުމަނާއި އޮސްޓްރިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ވިޒިޓް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސްގެ ޓްރެވަލް އިންޕްރެޝަންސްއާއެކު ކެމްޕޭނެއް ފަށައިފިއެވެ.

ޓްރެވަލް އިންޕްރެޝަންސް އަކީ އެމެރިކަން އެކްސްޕްރެސްގެ ވެކޭޝަން ކަލެކްޝަން ބްރޭންޑެކެވެ. ޓްރެވަލް އިންޕްރެޝަންސް އިން އެމެރިކަން އެކްސްޕްރެސްގެ ޕްރިމިއަމް ކާޑް މެންބަރުންނަށް ދުނިޔޭގެ އެކި މަތީ ފަންތީގެ މަންޒިލްތަކާއި، ލިބެން ހުންނަ ހިދުމަތްތައް އިޝްތިހާރު ކުރެއެވެ. އެގޮތުން މަންޒިލްތަކާއި، މަތީ ފަންތީގެ ތަޖުރިބާތައް އަދި ހިދުމަތްތައް އެމެރިކަން އެކްސްޕްރެސްގެ ވެބްސައިޓް އަދި ސްމާޓް ފޯންގެ ހިމެނޭ އެޕްތަކުގައި އަޕްޑޭޓް ކުރެެވެ.

އެމްއެމްޕީއާރްސީން ބުނީ، އިއްޔެ ފެށި މި ކެމްޕޭންގެ ޒަރިއްޔާއިން އެމެރިކަން އެކްސްޕްރެސްގެ އެންމެ މަތީ ފަންތީގައި ހިމެނޭ ސެންޗޫރިއަން ކާޑް ހޯލްޑަރުންގެ ތެރެއިން ޖާމަނީ އަދި އޮސްޓްރިއާގެ 4500 ފަރާތަކަށް މެއިލްގެ ޒަރިއްޔާއިން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި، ލިބޭ ތަޖުރިބާތަކުގެ މައުލޫމާތު ހިމެނޭ ބްރޮޝާއެއް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށެވެ.

ސެންޗޫރިއަން ކާޑް ހޯލްޑަރުންނަކީ އެމެރިކަން އެކްސްޕްރެސްގެ އެންމެ މުއްސަދި ކަސްޓަމަރުން ގެންގުޅޭ ކާޑެވެ. ސެންޗޫރިއަން ކާޑް ހޯލްޑަރަކަށް ވެވޭނީ މިކަމަށް ދައުވަތު އެރުވޭ އަދި ވަކި ކަންތައްތަކެއް ފުރިހަމަ ކުރާ މަދު ކަސްޓަމަރުން ތަކަށެވެ. ރާއްޖެއަކީ ސެންޗޫރިއަން ކާޑް ހޯލްޑަރުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލް ކަމަށާއި ވިޒިޓް މޯލްޑިވްސް އާއި ޓްރެވަލް އިންޕްރެޝަންސް ކުރިއަށް ގެންދާ ކެމްޕޭންގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަ ދައްކާ ގިނައިން ފައިސާ ހޭދަ ކުރުމުގެ ގާބިލްކަން ލިބިފައިވަ ޓާގެޓް ގްރޫޕަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މި ކެމްޕޭންގެ ތެރެއިން ރާއްޖެއަކީ މި ދެ މާކެޓްގެ މަތީ ފަންތީގެ ފަތުރުވެރިން ދަތުރު ކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރު ކޮށްދެނެ ކަމަށް އެ ކުންފުންިނ ބުނެއެވެ. އަދި ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތަކުން ފޯރުކޮށްދޭ ގައިދުރުކަމާއި ރާއްޖެގެ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް، ލިވަބޯޑުތަކުގައި ފަތުރުވެރިންނަށް ލިބެން ހުރި ފުރުސަތުތަކާއި، ތަފާތު ތަޖުރިބާތަށް މާކެޓްކުރެވޭނެ ކަމަސް ވެސް އެމްއެމްޕީއާރްސީން ބުނެއެވެ.

މީގެއިތުރުން ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް ހިއްސާކުރެވޭނެއެވެ. މިއީ މި މާކެޓްތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސް އިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕޭނެކެވެ. މި ކެމްޕެއިންގެ މަގްސަދަކީ މި މާކެޓްގެ ތެރެއިން ފަތުރުވެރި ކަމަށް ލޯބި ކުރާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ މަހުބޫލުކަމާއި، ބްރޭންޑް ޕްރެޒެންސް ދެމެހެއްޓުމެވެ. އަދި ރާއްޖެއިން ލިބެން ހުރި ހިދުމަތްތަކާއި ތަޖުރިބާތައް އަންގައިދީ، ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް އިޝްތިހާރުކުރުމެވެ.

މި އަހަރު މިހާތަނަށް މި ދެ މާކެޓަށް އަމާޒުކޮށް ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި އެވިއަރެޕްސްއާއެކު ހިންގުނު ވާޗުއަލް ހަރަކާތަކާއި، އައިޓީބީ ބާލިން ވާޗުއަލް، އަދި ކޮނޮސުއާ ސާކަލް އާއެކު ހިންގާފައިވާ ކެމްޕޭންގެ އިތުރުން، އެފްވީޑަބްލިއު އީ ލާނިން ޕްރޮގްރާމް އަދި ބެންޓްލީ ކްލަބް މެގަޒިންއާއެކު ހިންގާފައިވާ ކެންޕޭން ހިމެނެއެވެ.