ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއު ނުހިންގޭ ގޮތް ހަދަން ސަރުކާރު ކުންފުނިތަކުން މަސްއޫލިއްޔަތު އަދާ ކުރާ ގޮތް ބަލާ އެސްއޯއީ ކޮމިޓީން ނިންމައިފިއެވެ.
އެ ކޮމިޓީން އެގޮތަށް ނިންމީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ހުރި މައްސަލަތައް ދިރާސާ ކުރުމަށް ފަހުއެވެ.
ކޮމިޓީގެ ރިޕޯޓުގައި ވާ ގޮތުން ބޯހިޔާވަހިކަމުގެ ދަށުން ފްލެޓު އިމާރާތް ކުރުމަށް އެޗްޑީސީން 15 ފަރާތަކަށް ބިން ދޫކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން ކުރިއަށް ގެންދަނީ އެންމެ ހަ މަޝްރޫއެވެ. އެހެންވެ މަސައްކަތް ކުރިއަށް ނުގެންދާ މަޝްރޫއުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ނެގުމަށް އެޗްޑީސީއަށް އަންގަން ރިޕޯޓުގައި ހިމަނާފައިވެއެވެ.
ކުރިއަށް އޮތް ތަނުގައި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ހަވާލު ކުރެވޭނީ އެ ކަމަށް ހާއްސަކޮށް ކަނޑައެޅިފައިވާ ކުންފުނިތަކަށް ކަން ހުދުމަށާއި އެހެން ކުންފުނިތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ނުހިންގޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލު ގެންނަން ވަނީ ކޮމިޓީން ހުށައަޅާފައެވެ.
ކޮމިޓީގެ އިތުރު ހުށައެޅުންތަކަށް ބަލާއިރު މިހާތަނަށްް ސަރުކާރުގެ އެކި ކުންފުނިތަކަށް ހަވާލުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މެދު އަމަލު ކުރާނެ އުސޫލެއް ޕްލޭނިން މިނިސްޓްރީން އެކުލަވާލުމާއި މިހާރު ހުއްޓިފައިވާ ނުވަތަ ކުރިއަށް ނުދާ މަޝްރޫއުތަކުގެ ބިން އެ ކުންފުންޏަކުން އަތުލަން ވެސް ވަނީ ހުށައަޅާފައެވެ.
އެސްއޯއީ ކޮމިޓީން މިހެން ނިންމި ނަމަވެސް އެންމެ ފަހުގެ ގޮތް ނިންމައި އެ އަށް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.