ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށޫއަރާ ސަރަހައްދާ ގުޅޭ ގޮތުން މޮރިޝަސް އިން ހުށަހެޅި ހުށަހެޅުމަށް މިއަދު ރާއްޖެއިން ޖަވާބު ދީފިއެވެ.
ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުއާހަދާ) ގެ ދަށުން މައްސަލަ ހުށަހަޅާފައިވާ އިރު އެ މައްސަލައިގައި އިޖުރާއީ ގޮތުން ދިވެހިރާއްޖެ އިން ފާހަގަ ކުރި ކަންކަމާ ގުޅޭގޮތުން އަޑުއެހުންތައް ބޭއްވިއެވެ. އެއަށްފަހު މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައި ޓްރައިބިއުނަލުން ނިންމަވާފައި ވަނީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރުތައް އޮތް ކަމަށް އިނގިރޭސި ވިލާތުން ބުނަމުން ގެންދިޔަ ނަމަވެސް، ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހްތިސޯސް ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އޮފީހުން ބުނީ، ޓްރައިބިއުނަލްގެ އެ ނިންމެވުމާ ގުޅިގެން މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ދިވެހިރާއްޖެ އިން ވަނީ މިއަދު ޖަވާބު ހުށަހަޅާފައި ކަމަށާއި އެ މައްސަލައިގެ އަޑުއެހުން ދެން ބާއްވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގައި ކަމަށެވެ.
މި މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ޖަވާބު ހުށަހަޅާފައި ވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވި، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް އިސްކަން ދީގެން ކަމަށް އޭޖީން ބުނެއެވެ. މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށް ވާއިރު، މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ދިވެހިރާއްޖެ ތަމްސީލު ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާ ކަމަށް އޭޖީން ބުނެއެވެ. އެގޮތުން ދާއިރާ އިން ފާހަގަކޮށް ލެވޭ ތައުލީމާއި ތަޖުރިބާ ހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވަނީ އައްޔަން ކޮށްފައި ކަމަށް އޭޖީން ބުނެއެވެ.
މި މައްސަލަ މައުޟޫއީ ގޮތުން ބަލައި، މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ޓްރައިބިއުނަލުން ކަނޑައަޅާނެއެވެ. ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކުރާ އިރު، އާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެންނެވެ. އޭގެ ނަތީޖާއަކަށް ވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުން ކަމަށް އޭޖީން ބުނެއެވެ.
ޝާގޯށް ނުވަތަ ފޯޅަވެއްސަކީ އައްޑުއަތޮޅާއި ދުރުނޫން ސަރަހައްދެއްގައި އޮންނަ މޮރިޝަސްގެ ޖަޒީރާ ރަށެކެވެ. ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި، ކަނޑުތަކާއި ބެހޭ ބައިނަލްއަގުވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން) ގެ ދަށުން ރާއްޖެއިން ވަނީ 2010 ވަނަ އަހަރު އދ. އަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ. މި ހުށަހެޅުން އދއަށް ފޮނުވުމާއި ގުޅިގެން މޮރިޝަސްއިން ވަނީ އެހުށަހެޅުމާއި ދެކޮޅު ހަދާކަން އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގާފައެވެ
އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމްކޮށްފައިވާ ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓްގައި ރާއްޖެއިން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓްލީ ހަ ގައުމުގެ ތެރޭގައި ހިމެނިފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. އެކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވީ، އެ ވޯޓްގައި ރާއްޖެއިން ރަތަށް ފިތަން ޖެހުނީ ފޯޅަވައްސަކީ ރާއްޖެެއާ ބައުންޑަރީއެއް އޮތް ހަމައެކަނި ގައުމަށް ވެފައި، ރާއްޖޭގެ ކޮންޓިނަންޓަލް ޝެލްފް ނޫނީ ސަރަހައްދި އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށެވެ.
ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަން ވުމާއި އެކު ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައި ވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެއެވެ. ރާއްޖެ މިނިވަން ވުމާއި އެކު ރާއްޖޭގެ އުތުރުން މި އިންތައް ކަނޑައެޅުނީ، ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
އަދި ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރަން ރާއްޖެއިން ތާއީދުކޮށް ވޯޓް ދީފި ނަމަ، އދ ގައި އޮތް މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކޮންޓިނަންޓަލް ޝެލުފުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އޮތުމަކީ އެކަމަށް ރާއްޖެއަށް ތާއީދު ނުކުރެވުނު ސަބަބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.